18 Feb 2016, 11:22
މޮސްކޯ (ފެބްރުއަރީ 18): ޔޫކްރެއިންގެ ތިން ބިލިއަން ޑޮލަރުގެ ދަރަނީގެ މައްސަލަ ރަޝިއާއިން ލަންޑަންގެ ހައި ކޯޓަށް ހުށަހަޅައިފި އެވެ.
މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ ދަރަނި އަދާކުރާނެ ގޮތަކާ ބެހޭ ގޮތުން ޔޫކްރެއިންއާއެކު އެއްބަސްވުމަކަށް ނާދެވުމުން ކަމަށް ރަޝިއާގެ ފިނޭންސް މިނިސްޓަރު އޭންޓަން ސިލުއަނޮވް ވިދާޅުވި އެވެ. އަދި ލަންޑަންގެ ކޯޓުން އެ މައްސަލަ ބަލާނީ "ދެފުށްފެންނަ ގޮތަށް" "މިނިވަންކަމާއެއްކޮށް" ކަމަށް އުއްމީދު ކުރައްވާ ކަމަށް ސިލުއަނޮވް ވިދާޅުވި އެވެ.
ދެހާސްތޭރަ ވަނަ އަހަރު ރަޝިއާއިން ޔޫކްރެއިންއަށް ދިން ތިން ބިލިއަން ޑޮލަރުގެ ދަރަނި އަދާކުރަން ޔޫކްރެއިންއަށް ދީފައި އޮތް ފަހު މުއްދަތަކީ މިދިޔަ އަހަރުގެ ޑިސެމްބަރު 20 އެވެ. ނަމަވެސް، އޭގެ ދެ ދުވަސް ކުރިން ޔޫކްރެއިން ވަނީ އެ ގައުމުން ދަރަނި އަދާކުރަން ހުށަހެޅި ޝަރުތުތައް ރަޝިއާއިން ގަބޫލުނުކުރި ކަމަށް ބުނެ، ޑިސެމްބަރު 20ގައި ދަރަނި އަދާކުރެވެން ނެތް ކަމަށް ބުނެފަ އެވެ.
އޭގެ ކުރިން، ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވަނީ ކޮންމެ އަހަރަކު އެއް ބިލިއަން ޑޮލަރު ދައްކައިގެން ތިން އަހަރު ތެރޭގައި ދަރަނި އަދާކުރުމަށް ޔޫކްރެއިންއަށް ހުށަހަޅުއްވާފަ އެވެ. ނަމަވެސް، ޔޫކްރެއިން އިން ވަނީ އެޝަރުތުތައް ގަބޫލު ކުރަން ދެކޮޅު ހަދާފަ އެވެ. (ރޮއިޓާސް)