18 Feb 2016, 11:05
އަންކަރާ (ފެބްރުއަރީ 18) : އަމިއްލަ ނަފްސުގެ ދިފާއުގައި ތުރުކީ ކުރަންޖެހޭ މަސައްކަތްތައް އިތުރުވެއްޖެ ކަމަށާއި އަމިއްލަ ނަފްސުގެ ދިފާއުވުމުގެ ހައްގު ކުރިޔަށްވުރެ ހަރުކަށި ގޮތެއްގައި ތުރުކީން ބޭނުން ކުރާނެ ކަމަށް އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.
ތުރުކީގެ ވެރިރަށް އަންކަރާގައި ރޭ ކާރު ބޮމެއް ގޮއްވާލައިގެން 28 މީހުން މަރާލި ޙާދިސާއަށް ރައްދު ދެއްވަމުން އުރުދުޣާން ވިދާޅުވީ އަމިއްލަ ނަފްސުގެ ދިފާއުގައި ތެދުވުމުގެ ހައްގު ވަރަށް ހަރުކަށިގޮތަކަށް ބޭނުން ކުރުމަށް ތުރުކީ ދެން ފަސްނުޖެހޭނެ ކަމުގަ އެވެ. އަންކަރާގައި ކާރު ބޮންގޮއްވާލާފައި ވަނީ ތުރުކީގެ ޕާލަމެންޓާއި އެގައުމުގެ ސަރުކާރުގެ މުހިއްމު އިމާރާތްތައް ހުންނަ ގްރީން ޒޯންގައި ކަމުން މިއީ ޖާސޫސީ އަދި އަމަނާބެހޭ ދާއިރާގައި ތުރުކީ ސަރުކާރު ވަރަށް ބޮޑަށް ނާކާމިޔާބުވުން ކަމަށް އެ ގައުމުގެ އިދިކޮޅު ފަރާތްތަކުން ވަނީ ސިފަކޮށްފަ އެވެ. ތުރުކީއަކީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ވެސް ހަތިޔާރު ދީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް އެންމެ ކުރީއްސުރެ ނުސީދާކޮށް ވަދެގެންފައިވާ ގައުމެކެވެ.
މީގެ އިތުރުން ތުރުކީގައި ނިކަމެތިކޮށްލެވިފައިވާ ބައިމަދު ކުރުދީންނަށް ނިސްބަތްވާ ޕީކޭކޭ ޖަމާއަތާ ދެކޮޅަށް ވެސް ތުރުކީ ސިފައިން ގެންދަނީ ހަނގުރާމަ ކުރަމުންނެވެ. އެ ހަނގުރާމައިގާ ތުރުކީ ސިފައިން އިރާގުގެ ސަރަހައްދުތަކަށް ވެސް ވަދެ ހަމަލާތައް ދެމުން ގެންދެ އެވެ. އަދި ތުރުކީ ސިފައިން ގެންދަނީ ސޫރިޔާގެ އުތުރުގައި ހަރަކާތްތެރިވާ ކުރުދީންގެ ޖަމާއަތްތަކަށް ވެސް ހަމަލާތައް ދެމުންނެވެ. އަންކަރާގައި ރޭ ދިން ކާރު ބޮމުގެ ޙަމަލާގެ ފަހަތުގައި ވަނީ ތުރުކީ ސިފައިން ހަނގުރާމަ ކުރަމުންގެންދާ ޕީކޭކޭ ޖަމާއަތް ކަމަށް ތުރުކީގެ އަމަނާބެހޭ ފަރާތްތަކުން ބުނެއެވެ.
މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ވެސް އަންކަރާގައި ބޮމެއް ގޮއްވާލައިގެން އެތަށް ބަޔަކު މަރާލާފައިވެ އެވެ. އަދި މިދިޔަ އަހަރުގެ ޖުލައި މަހާއި އޮކްޓޯބަރު މަހުގެ ތެރޭގައި ވެސް ތުރުކީގެ ދެ ސަރަހައްދެއްގައި އަމިއްލައަށް މަރުވެގެންނާއި ކާރު ބޮންތައް ގޮއްވާލައިގެން ވަރުގަދަ ޙަމަލާތަކެއް ދީފައިވެ އެވެ. (ނޫސްއެޖެންސީތައް)