18 Feb 2016, 09:20
ހުރިހާ ސިޔާސީ ޕާޓީތަކާ އެކު ކުރިއަށް ގެންދަން ނިންމާފައިވާ މަޝްވަރާތަކުގައި ބައިވެރިވުމަށް އިދިކޮޅު ޑީއާރުޕީ އަށް ވެސް ސަރުކާރުން ދައުވަތު އަރުވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިއަދު ސަން އަށް ވިދާޅުވީ ޑީއާރުޕީއަށް މަޝްވަރާތަކުގައި ބައިވެރިވުމަށް ދައުވަތު އަރުވާފައި ވަނީ މި ހަފްތާ ތެރޭގައި ކަމަށެވެ.
މަޝްވަރާތަކުގައި ބައިވެރިވުމަށް ސަރުކާރުން ފުރަތަމަ ދައުވަތު ދިނީ ފަސް ޕާޓީ އަކަށެވެ. އެއީ ސަރުކާރު ހިނގާ ޕީޕީއެމާއި އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭ އަދި އަދާލަތު ޕާޓީ އެވެ.
ރައީސް އޮފީހުން ވަނީ އެ ޕާޓީތަކުގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވާނެ ފަރާތްތަކުގެ މައުލޫމާތާއި މަޝްވަރާ ކުރަން ބޭނުންވާ މައްސަލަތައް ހުށަހެޅުމަށް އެ ޕާޓީތަކަށް އަންގައިފަ އެވެ.
ރައީސް އޮފީހުން ބުނެފައި ވަނީ ސަރުކާރުގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވާނީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު އަދި ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރު ކަމަށެވެ.
ސަރުކާރުން މަޝްވަރާ ކުރުމަށް ތިން ކަމެއް ހުށަހަޅާފައިވާ ކަމަށް އިދިކޮޅު އެމްޑީޕީ އިން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި ގައުމު ތަރައްގީ ކުރުމުގައި ބައިވެރިވުމާއި ގައުމުގައި ސިޔާސީ ރަނގަޅު މާހައުލެއް ގާއިމްކުރުމުގެ އިތުރުން ރާއްޖޭގެ ދުސްތޫރީ އަދި ޝަރުއީ ނިޒާމު އިތުރަށް ހަރުދަނާ ކުރުން ހިމެނެ އެވެ.
ސިޔާސީ ޕާޓީތަކާ އެކު އަލުން މަޝްވަރާ ކުރަން ސަރުކާރުން ނިންމާފައިވާ އިރު، އެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ރޯލު އަދާކުރުމަށް ކޮމަންވެލްތުގެ އިތުރުން އީޔޫ އަށް ވެސް ސަރުކާރުން ވަނީ ދައުވަތު ދީފަ އެވެ.
އެ މަޝްވަރާތައް ކާމިޔާބުކަމާ އެކު ކުރިޔަށްގެންގޮސް، ރައްޔިތުންނަށް ފައިދާކުރަނިވި ފަދަ ނަތީޖާތަކެއް ހާސިލުކުރެއްވޭނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އުންމީދުކުރައްވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އިދިކޮޅު އަދާލަތު އަދި އެމްޑީޕީ އިން ވަނީ މަޝްވަރާގެ ވާހަކަ ދެއްކުމަށް އިތުބާރު އޮތް މާހައުލެއް ގާއިމްކުރަން ޖެހޭ ކަމަށް ބުނެފަ އެވެ.