18 Feb 2016, 09:07
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ސްމާޓުފޯނު އާންމުވެފައިވާ އިރު، ބައެއް ފޯނުތަކަކީ އަގުބޮޑު ކަމުގެ ސަބަބުން ހުވަފެނުގައި ވެސް ގަނެވެން ނެތް ތަކެއްޗެވެ. ނަމަވެސް އިންޑިޔާގެ ކުޑަކުޑަ ޓެކްނޮލޮޖީސް ކުންފުންޏަކުން މި ވަނީ، ވަރަށް ބޮޑަށް އަގުހެޔޮކޮށް ގަނެލެވޭނެ އެންޑްރޮއިޑް ސްމާޓުފޯނެއް ތައްޔާރުކޮށް، ބާޒާރަށް ނެރެފަ އެވެ.
"ފްރީޑަމް 251" ނަމަކަށް ކިޔާ މި ފޯނުގެ އަގަކީ 251 ރުޕީސް އެވެ. އެއީ 56 ދިވެހި ރުފިޔާ އެވެ.
މި އަގުހެޔޮ ސްމާޓުފޯނު އުފެއްދި އިންޑިޔާގެ ރިންގިންގް ބެލް ކުންފުނީގެ ތަރުޖަމާނަކު އޭއެފްޕީއާ ވާހަކަ ދައްކަމުން ބުނީ، "ފްރީޑަމް 251"އަކީ އެ ކުންފުނީގެ ފްލެގްޝިޕް މޮޑެލް ކަމަށާއި، މިއީ ސްމާޓުފޯނުގެ ވިޔަފާރިއަށް ގެނެވުނު ބޮޑު އިންގިލާބެއް ކަމަށް ގަބޫލު ކުރާ ކަމަށެވެ.
މި ކުންފުނިން ފޯނުތައް އުފައްދަމުން ދަނީ، އެއަށް ބޭނުންވާ ބައިތައް ބޭރުގެ ގައުމުތަކުން އެތެރެ ކޮށްގެންނެވެ. އެހެން ނަމަވެސް ރިންގިންގް ބެލްސްގެ ތަރުޖަމާނު ވިދާޅުވީ، އެއް އަހަރު ދުވަސް ތެރޭގައި ފޯނުގެ ބައިތައް އަމިއްލައަށް އެތެރެ ކުރުން ހުއްޓާލައި، އެކުންފުނިން އަމިއްލައަށް އުފެއްދުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
ފޯނުގެ ބައެއް ސިފަތައް
ޑިސްޕްލޭގައި ހަތަރު އިންޗި ހުރޭ
- ސްކްރީން ރިސޮލިއުޝަނަކީ 480-800 ޑަބްލިއުވީގީއޭ
- އެންޑްރޮއިޑް 5.1 ލޮލީޕޮޕް
- 1.3 ގިގަހާރޓްޒް ކުއަޑް ކޯ ޕްރޮސެސާ
- 1 ޖީބީގެ ރޭމްއެއް
- 8 ޖީބީ އިންޓާނަލް ސްޓޯރޭޖްގެ އިތުރުން، އެސްޑީ ކާޑުގެ އެހީގައި 32 ޖީބީގެ ސްޓޯރޭޖް ލިބޭނެ
- 3.2 މެގަޕިކްސެލްގެ އޮޓޯފޯކަސް ކެމެރާއެއް ހުރޭ
- 1.3 މެގަޕިކްސެލްގެ ފްރަންޓް ކެމެރާއެއް ހުރޭ
- ތުރީޖީގެ ޚިދުމަތް ލިބޭ އިރު ޑުއަލް ސިމް ސަޕޯޓު ކުރޭ.
މި ފޯނު ލޯންޗުކޮށްފައިވާ އިރު، އެޕަލްގެ އައިފޯނުގެ ޑިޒައިނާއި މި ފޯނުގެ ޑިޒައިން ވައްތަރުކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އިންޑިޔާއަކީ ދުނިޔޭގައި މޯބައިލް ފޯނުގެ ދެވަނައަށް އެންމެ ބޮޑު މާކެޓެވެ. އެގައުމުގައި މޯބައިލް ފޯނު ބޭނުންކުރާ އެއް ބިލިޔަން ވަނަ މީހާ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވަނީ މޯބައިލް ފޯނު ބޭނުންކުރަން ފަށައިފަ އެވެ.