19 Feb 2016, 14:00
ތަނެއްގައި ހިނގާ ހާދިސާއެއް ނުވަތަ ފުލުހުން ކުރިއަށްގެންދާ އޮޕްރޭޝަނެއްގެ ފޮޓޯ ނަގައިގެން ނޫސްވެރިއަކު ހައްޔަރުކޮށް ފޮޓޯ ނުވަތަ ވީޑިއޯ ފޮހެލުމަށް އަންގާ ކަމަށް ބުނެ ނޫސްވެރިންނާއި މީޑިއާތަކުން އަބަދުވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެއީ ގާނޫނަކުން އެ މީހުންނަށް ލިބިދޭ ހައްގެއް ގާނޫނާ ހިލާފަށް ފުލުހުން ހަނިކުރަމުން ދާތީ އެވެ. ހާއްސަކޮށް މިހާރަކަށް އައިސް އެފަދަ ކަންކަން އިތުރުވަމުން ދާތީ މީޑިއާތަކުގެ އިސްވެރިން ކަންބޮޑުވުން ފާޅުކުރެ އެވެ. ގާނޫނުގައިވާ ގޮތުން ވެސް ނޫސްވެރިންނަށް ލިބިދޭ އެބާރު ހަނިކުރުމުގެ ހައްގު ފުލުހުންނަށް ބައެއް ހާލަތެއްގައި ނޫނީ ނުލިބޭނެ އެވެ. ހާއްސަކޮށް އާންމުކޮށް ހުޅުވާލައިގެން ހިންގާ އޮޕަރޭަޝަންތައް ފޮޓޯ ނުވަތަ ވީޑިއޯ ނުކުރެވޭނެ އެއްވެސް ސަބަބެއް ނެތެވެ.
ފުލުހުންނަކީ ގައުމުގައި މުހިއްމު މަސައްކަތެއް އަދާ ކުރަމުން އަންނަ ބައެކެވެ. ގައުމުގެ އަމަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ފުލުހުންނަކީ ތަފާތު އެކި މަސައްކަތުގައި އާއްމުންނަށް އެހީތެރިވަމުން އަންނަ ބައެކެވެ. މުޖުތަމައުގައި ހިނގަމުން އަންނަ ނޭދެވޭ ކަންތައްތައް ނައްތާލުމަކީ ފުލުހުންގެ ޒިންމާ އެކެވެ. ފުލުހުންގެ ވާޖިބަށް ނުވަތަ ފުލުހުން ކުރަމުން އަންނަ މަސައްކަތަކަށް ހުރަސް އަޅާ ބަޔަކަށް ގާނޫނުން އަދަބުތަކެއް ކަނޑައެޅިފައި އެބަހުއްޓެވެ. ނަމަވެސް އެ ހާލަތަކީ ވަކި ހާލަތަކަށް ވާން އެބަޖެހެ އެވެ. މިއަދު އެ ހާލަތްތައް ރައްޔިތުންނަށް އޮޅުން އަރަ އެވެ. ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމަކީ ކޮބައިކަން މިއަދު ރައްޔިތުންނަށް ރަނގަޅަށް ވެސް އޮޅުން އަރައިފި އެވެ.
"އަޅުގަނޑު އައީ އޮފީސް ކައިރި ހުންނަ މިސްކިތުން ނަމާދުކޮށްގެން. އައި އިރު އެތާ ކައިރީގައި އޮތް ޕިކަޕެއްގެ ތެރެއިން ފެނުނީ ފުލުހުން އެއްޗެހިތަކެއް ނަގަން އުޅެނިކޮށް. ދެން އަޅުގަނޑު ހަމަ ފޮޓޯއެއް ނަގާލީ. ދެ ފޮޓޯ ނެގީވެސް. ނެގީމަ އެތަނުން ފުލުހަކު އަޅުގަނޑު ގާތަށް އައިސް އަހަނީ ފޮޓޯ ޑިލީޓު ކުރާށޭ. ކާކުހޭ ތިއީ. ދެން އެހީ ތިއީ މީޑިއާ މީހެއްހޭ. އަޅުގަނޑު ބުނެފިން އާނއެކޭ. ބުނީމަ ބުނީ ކާޑު ދައްކާށޯ. އަޅުގަނޑު ބުނިން ކާޑު އޮންނާނީ އޮފީހުގައޭ. ހިނގާށޭ އޮފީހަށް ދާން. މިތާ ކުރިމަތީގައި އޮފީސް އެ ހުރީ. ބުނީމަ ފުލުސް މީހާ ބުނީ ފޮޓޯ ޑިލީޓު ކުރާށޯ. ކާޑު ބަލާކަށް ބޭނުމެއް ނޫނޭ،" ފޮޓޯއެއް ނަގައިގެން ދާދިފަހުން ފުލުހުން ހައްޔަރުކުރި ރާއްޖެ ޓީވީގެ ނޫސްވެރިޔާ ފަރިޔާޒު ބުންޏެވެ.
ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލް ހުސައިން ޝަމީމް "ސަން"އަށް ވިދާޅުވީ ފުލުހުން ވިއަސް އަދި އެހެން އިދާރާއަކުން ވިއަސް އާއްމުންނަށް ފެންނަ ތަނެއްގައި ނުވަތަ ބަންދުކޮށްފައި ނުވާ ތަނެއްގައި އެއްވެސް ކަމެއް ކުރާއިރު އާއްމު މީހަކަށް ވިއަސް އަދި ނޫސްވެރިއަކަށް ވިއަސް ފޮޓޯ ނެގިދާނެ ކަމަށެވެ.
"އެކަމަކު މިސާލަކަށް ފޮޓޯ ނެގީ ބަންދު ތަނެއްގައި ނުވަތަ ޕްރައިވެޓް ޕްރޮޕަޓީއެއްގައި މީހުންނަށް ނުފެންނަ ގޮތަށް ހުއްޓާ ނަމަ އެއީ މައްސަލައެއް. އޭރުން އެކަން ކުރި މީހަކަށް ގާނޫނުލް އުގޫބާތުގެ ދަށުން ދައުވާ ކުރެވިދާނެ،" ޝަމީމް ވިދާޅުވި އެވެ.

ރާއްޖެ ޓީވީ ނޫސްވެރިޔާ ހައްޔަރު ކުރުމަށްފަހު ފުލުހުންގެ ވެހިކަލަކަަށް އަރުވަނީ-- ފޮޓޯ: ރާއްޖެ ޓީވީ
ގާނޫނުލް އުގުބާތުގެ 231ވަނަ މާއްދާގައި ބުނެފައި ވަނީ މީހެއްގެ ގޯތި ތެރޭގައި ނުވަތަ މީހެއްގެ މުދަލެއްގެ ގޮތުގައި ބެލެވޭ ތަނެއްގައި އިވޭ އަޑު ނުވަތަ ފެންނަ ފެނުން ނުވަތަ ހިނގާ ހަރަކާތްތައް ނުވަތަ ދެކެވޭ ވާހަކަ އަޑުއެހުމާއި ރިކޯޑު ކުރުމާއި ލިބޭ ނުވަތަ އިވޭ ނުވަތަ ފެންނަ ވަރަށް ވުރެ ސާފުކޮށް ލިބިދާނެ ނުވަތަ އިވޭނެ ނުވަތަ ފެންނާނެ ގޮތް ހެދުމާއި އާއްމުކޮށް ފޮނުވުމަކީ ކުށެއް ކަމަށެވެ.
ނަން ހާމަކުރަން ބޭނުން ނުވާ ފުލުހުންގެ އިސް މަގާމެއްގައި މީގެކުރިން ހުންނެވި އޮފިސަރެއް "ސަން"އަށް ވިދާޅުވީ ފުލުހުން މަސައްކަތެއް ކުރަނިކޮށް މީހަކަށް ނުވަތަ ނޫސްވެރިއަކަށް ފެނިގެން އޭނާގެ ކެމެރާއިން ފޮޓޯ ނެގުމަކީ އެކަމުގައި އެއްވެސް މައްސަލައެއް އޮންނަ ކަމެއް ނޫން ކަމަށެވެ. އަދި އެކަމުގައި ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފޮޓޯ ނެގިތަން ފުލުހަކަށް ފެނިގެން އެ ފޮޓޯ ޑިލީޓު ކުރުމަށް ބައެއް ފަހަރު ފުލުހުން ބުނެފައި އެބަހުރި ކަމަށެވެ.
"އެ ނުދީގެން އެއްވެސް ފުލުހަކަށް މީހަކު ހައްޔަރެއް ނުކުރެވޭނެ. ގާނޫނު ތަނެއް ނުދޭނެ. އެހެނެއް ނޫން. ފުލުހުންގެ ގާނޫނު ބައްލަވާ. އޭގައި ބުނެފައި އޮންނާނެ ފުލުހުން ކޯޑަން ކޮށްފައި އޮތް ސަރަހައްދަކަށް ބަޔަކު ވަންނަން ނުވަތަ ކަމެއް ކުރުމަށް އުޅޭނަމަ ފުލުހުންނަށް އެންގިދާނެ އާނ.. ތިބޭފުޅުންނަކަށް މިވެނި އެވެނި ކަމެއް މި ސަރަހައްދުގައި ނުކުރެވޭނެއޭ،" އޭނާ ވިދާޅުވި އެވެ.
ހައްޔަރުކުރުމުގެ ހައިސިއްޔަތެއް ނެތް
ޝަމީމް ވިދާޅުވީ އެ ފޮޓޯ ނެގި މީހާ ކުށެއް ކުރިތަން ފުލުހުންނަށް ނުފެންނަ ކަމަށްވަނީ ނަމަ އެއްވެސް ފުލުހަކަށް އެ މީހަކު ހައްޔަރެއް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ ރައްޔިތުންގެ ހިތުގައި އުފެދޭނެ ސުވާލަކީ ފޮޓޯއެއް ނެގީމަ ފުލުހުން ހައްޔަރު ކުރަނީ ކީއްވެތޯ އެވެ. ނަމަވެސް އޭނާ ވިދާޅުވީ ފުލުހުންނަށް އާއްމު މީހެއް ވިއަސް އަދި ނޫސްވެރިއެއް ވެސް ހައްޔަރުކުރެވޭނީ ފުލުހުންގެ ވާޖިބަށް ހުރަސް އަޅައިގެން ކަމަށެވެ.
އޭނާ ވިދާޅުވީ އެފަދައިިން ނޫސްވެރިއަކުވެސް ފުލުހުން ކުރާ މަސައްކަތެއް ފޮޓޯ ނަގައިގެން ފުލުހުން ކުރާ މަސައްކަތަށް ބުރޫ އަރައިފި ނަމަ އެއީ ކުށެއް ކަމަށެވެ. ނަމަވެސް ފޮޓޯ ނެގިޔަސް ފުލުހުންގެ ވާޖިބު ނުވަތަ މަސައްކަތް އަދާ ކުރެވޭ ނަމަ އެއީ ފުލުހުންނަށް ހުރަސް އެޅުން ކަމަކަށް ނުވަތަ ވާޖިބަސް ހުރަސް އެޅުން ކަމަކަށް ނުބުނެވޭނެ ކަމަށެވެ.

2011 ވަނަ އަހަރު ސަންގެ ނޫސްވެރިޔަކު ހައްޔަރު ކުރަނީ: ފޮޓޯއެއް ނަގައިގެން އޭނާ މިއަހަރު ހައްޔަރުު ކުރި -- ފޮޓޯ/ ހަވީރު
ގާނޫނުލް އުގޫބާތުގެ 532ވަނަ މާއްދާގައި ބުނެފައި ވަނީ މީހަކު ރަސްމީ ހައިސިއްޔަތަކުން ކުރުން ހުއްދަކަމެއް ކުރުން ގަސްދުގައި ހުއްޓުވުން، ނުވަތަ ކަމަކަށް ހުރަސް އެޅުން ނުވަތަ އެކަމެއް ކުރިއަނުދިނުމަކީ ކުށެއް ކަމަށެވެ. ޝަމީމް ވިދާޅުވީ އެފަދަ ހާލަތެއް އައިސްފިނަމަ މި މާއްދާގެ ދަށުން މީހަކަށް ދައުވާ ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންދާ ކަމަށެވެ.
ފުލުހުންގެ އޮފިސަރު ވިދާޅުވީ ފުލުހުން ކްރައިމް ސީނެއް ކޯޑަން ނުވަތަ ބަންދު ކުރުމަށްފަހު އެ ތަނުގައި ފުލުހަކަށް ވެސް ބޭނުންހާ ގޮތަކަށް ހަރަކާތްތެރި ނުވެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ފުލުހަކަށް ވެސް ހަރަކާތްތެރިވެވޭނީ އެތަނުގައި އެވަގުތު ހުންނަ އިންޗާޖަކު އަންގާ އެންގުމަކަށް ކަމަށެވެ.
"އެކަމަކު ކްރައިމް ސީނުގެ ބޭރުން އިނގޭތޯ. ކްރައިމް ސީނުގެ ބޭރުން ތި ވިދާޅުވާހެން މީހަކު ފޯނުން ފޮޓޯއެއް ނަގައިފި ނަމަ އެ ހައްޔަރު ކުރާ ނަމަ އެއީ ދެން ގާނޫނުގެ ނެތް ކަމެއް އަމިއްލަ އަށް އުފަން ކުރުވުން. ނޫނިއްޔާ ވުޖޫދުގައި ނެތް އެއްޗެއް އުފަން ކުރުވުން ކަހަލަ ކަމެއް. އެއީ އެއްވެސް ފުލުހަކަށް ގާނޫނީ ގޮތުން އެ ބާރެއް ލިބިދީފައެއް ނޯންނާނެ،" އޮފިސަރު ވިދާޅުވި އެވެ.
ނޫސްވެރިންތަކެއް މުޒާހަރާއެއް ކަވަރު ކުރުމުގައި: ސަން ފޮޓޯ/ އަލީ ނަސީރު
ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ކުރަނީ އާއްމުންނަށް ހުޅުވާލައިފައިވާ ތަނެއްގައި ނަމަ އެއީ ކޮންމެ މީހަކަށް ވެސް އެކަން ކުރުމުގެ ހައްގު ލިބިގެންވާ ކަމެކެވެ. އަދި އެފަދަ ތަނެއްގައި ހުރެ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ކޮށްގެން އެ ފުހެލުމަށް ބުންޏަސް އެކަން ފުލުހުން ކުރަނީ އެއްވެސް ގާނޫނަކުން ފުލުހުންނަށް ލިބިދީފައިވާ ބާރަކުންނެއް ނޫނެވެ. ކަން މިހެން ހުރިއިރު އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ފުލުހުންގެ މުއައްސަސާގެ އިސްވެރިން މަސައްކަތް ކުރައްވަންޖެހެ އެވެ. އެހެން ނޫންނަމަ ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރާއި ގަދަރު ކުޑަވެގެން ހިނގައިދާނެ އެވެ.