ޑޮލަރުގެ މައްސަލަ ހައްލުކުރުމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓާ އަހުމަދު އިނާޒާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ(ގެ ގަވަރުނަރު ފަޒީލް ނަޖީބު މަޝްވަރާކުރައްވައިފި އެވެ.

ޑޮލަރުގެ މައްސަލަ ބޮޑުވެ، އެކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ލޮޅުން އަރަން ފެށުމާ ގުޅިގެން ރާއްޖޭގެ މާލީ ދެ ވުޒާރާގެ އިސްވެރިން ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

އެމްއެމްއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނަނީ، ބުރާސްފަތި ދުވަހު ބޭއްވި އެ ބައްދަލުކުރެއްވުމުގައި ރުފިޔާގެ މަގުބޫލުކަން އިތުރުކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.

"ދެ ބޭފުޅުން ވެސް އެއްބަސްވެވަޑައިގެންނެވި ގޮތުގައި ޑޮލަރުގެ ދަތިކަން ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ރުފިޔާގެ ބަދަލުގައި ޑޮލަރުން މުއަމާލާތް ކުރުމަށް ބައެއް ފަރާތްތަކުން އިސްކަން ދިނުމުގެ މައްސަލަ އަކީ ޑޮލަރުގެ ދަތިކަމާ ގުޅިފައިވާ ކަމެކެވެ. އެހެންކަމުން މިކަމާ ބެހޭ ގޮތުން ވިޔަފާރި މުޖުތަމައުގެ ބޭފުޅުންނާއި މަޝްވަރާ ކޮށްގެން ކުރިއަށް ދިއުމަށް ނިންމުނެވެ." އެމްއެމްއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ މަޝްވަރާ ބައްދަލުވުމުގައި، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު ޒާހިރާ އާއި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ އަހުމަދު ނަސީރާއި އެމްއެމްއޭގެ ޓެކްނިކަލް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް އެ ނޫސްބަޔާނުގައިވެ އެވެ.

ރާއްޖޭގައި ޑޮލަރު ލިބުން ދަތިވެ، ކަޅުބާޒާރުގައި އަގުބޮޑުކޮށް ޑޮލަރު ވިއްކަމުންދާ މައްސަލަ ހައްލުކުރުމަށް ޑޮލަރު އަގުބޮޑުކޮށް ވިއްކާ ފަރާތްތައް ހޯދުމަށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފެށިތާ ކުޑަދުވަސްކޮޅެއް ފަހުން ސަރުކާރުން ވަނީ ކުރިން ޑޮލަރު ގަނެ ވިއްކަމުންދިޔަ 12.85 ރޭޓަށް ވުރެ ބޮޑުކޮށް ޑޮލަރު ވިއްކުމުގެ ހުއްދަ ދީފަ އެވެ. އެގޮތުން މިހާރު 10.28ރ. އާއި 15.42ރ. އާ ދެމެދުގެ ކޮންމެ އަގެއްގައި ވެސް ޑޮލަރު ގަނެވިއްކެ އެވެ.

މި ބަދަލާ ގުޅިގެން ގިނަ ބޭންކުތަކުން ވެސް 14ރ. އަށް ވުރެ މަތިން ޑޮލަރު ވިއްކަމުންދާ އިރު ޑޮލަރު ވިއްކާ އަދަދަށް އެއްވެސް އިތުރުވުމެއް ނާދެ އެވެ. އަދި އެމްއެމްއޭ އިން މިހާރު ނިންމައިފައި ވަނީ ނީލަމުގެ އުސޫލުން ބޭންކުތަކަށް ޑޮލަރު ވިއްކުމަށެވެ.