އާބުރާ ބެހޭ މީހުންނާ ދެކޮޅަށް ޖިނާއީ ދައުވާ ކުރެވޭގޮތް ހެދުމަށް ކަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް އަންނަ ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ، ހުޅުމާލޭ ކުޑަކުދިންގެ ހިޔާ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އެހެންވީމަ މިހާރު އަބުރާ ބެހުމުގެ ކަންތައް އޮތް ގޮތުގައި ތަފްސީލުތަކެއް މިދައުރުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ އަންނަ ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ދާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ވައްކަންކުރީމަ އަދަބުދީފަ އަބުރު ކަތިލީމަ އަދަބު ނުދޭންވީ އެއްވެސް ސަބަބެއް އެމަނިކުފާނަށް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

"މީހުންގެ އެންމެ ޝަރަފުވެރި އެންމެ ކަރާމާތްތެރި ހައްގަކީ އެމީހެއްގެ އަބުރު. އެއަށް އަރައިގަތީމަ އެއްވެސް މައްސަލައެއް ނޫން އެއީކީ. އެހެންވީމަ އެހެނެއް މިސަރުކާރަކު ނުވާނެ،" ރައީސް ވިދާޅުވިއެވެ.

އަބުރާބެހޭ މީހުންނަށް އަދަބު ދިނުމަކީ ކުށްނުކުރާ މީހުންނަށް އަދަބު ދިނުމެއް ނޫން ކަމަށާއި އެ އަދަބު ދެނީ މީހުންގެ ހައްގުތަކަށް އަރައިގަންނައިރު އެކުރެވެނީ ކިހާވަރެއްގެ ކަމެއް ކަމާއި އެކަމުގެ ސަބަބުން އަދަބު ލިބެންޖެހޭކަން ހަނދާންކޮށްދިނުމުގެ ގޮތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދިވެހި މުޖުތަމައަކީ ގާނޫނުތަކަށް ބޯލަނބައި މީހުންނަށް އަޅާލައި އިހުސާންތެރި މީހުން އުޅޭ މުޖުތަމައުއަކަށް ހަދަން ބޭނުންވާނަމަ އަބުރާ ބެހުން ކަހަލަ ކަންކަމަށް ފަރުވާ ހޯދަންޖެހޭ ކަމަށެވެ.

"އެންމެ ޚިދުމަތްތެރި މީހާއާ ދިމާލަށް ވެސް ހަމަ ފަރުދަކު ބޭނުން އެއްޗެއް ކިޔުމަކީ އެއްވެސް ކަހަލަ ކަމެއް ނޫން. އެހެނެއް ނުވާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ކުރީގެ ގާނޫނުލްއުގޫބާތުގައި އޮތްގޮތުން މީހެއްގެ އަބުރާ ބެހުމުގެ ކުށަށް ދެވޭނެ އަދަބަކީ، 1 އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުން، ނުވަތަ 3000 ރުފިޔާއަށްވުރެ ގިނަނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.

އެހެން ނަމަވެސް އެ ގާނޫނު އެހެން އޮއްވައި، ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައި، ޑރ. މުހައްމަދު ޖަމީލް އަހްމަދު ޖަސްޓިސް މިނިސްޓަރަކަށް ހުންނެވިއިރު ވަނީ، އަބުރާ ބެހުމަކީ މަދަނީ މައްސަލައެއްކަމަށް ބަދަލުކޮށް ގަވާއިދެއް އެކުލަވައިލާފައެވެ.

އެގޮތުން އޭރު އެކުލަވައިލާފައިވާ އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދުގައި ވާގޮތުން:

މާއްދީ ގެއްލުމެއް ލިބިފައި ނުވާނަމަ ނަގައިދޭ ބަދަލު

  • އަބުރާބެހުމުގެ ސަބަބުން ދަޢްވާކުރާ ފަރާތުގެ އަބުރަށް ލިބުނު މަޢުނަވީ ގެއްލުމުގެ އިތުރުން، އެ ފަރާތަށް މާއްދީ ގެއްލުމެއް ލިބިފައި ނުވާނަމަ އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބިދެވޭނީ، އެ ގެއްލުމުގެ ކުޑަބޮޑު މިނަށް ބަލައި، - /100 (ސަތޭކަ) ރުފިޔާއާއި -/5000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ ޢަދަދެކެވެ.

މާއްދީ ގެއްލުމެއް ލިބިފައި ވާނަމަ ނަގައިދޭ ބަދަލު

  • އަބުރާބެހުމުގެ ސަބަބުން ދައުވާކުރާ ފަރާތުގެ އަބުރަށް ލިބުނު މަޢުނަވީ ގެއްލުމުގެ އިތުރުން، އެފަރާތަށް މާއްދީ ގެއްލުމެއް ލިބިފައި ވާނަމަ، އެ ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބިދެވޭނީ، އެފަރާތުގެ އަބުރާބެހުމުގެ ސަބަބުން ލިބުނު މާއްދީ ގެއްލުމާ އެކަށީގެންވާވަރުގެ މާލީ ބަދަލެކެވެ.