17 Feb 2016, 21:21
މާލޭގެ ބައެއް ސަރަހައްދުތަކުން ކެފޭ އަދި ރެސްޓޯރެންޓު ހިންގުމަށް ކުއްޔަށްދޭ ސްޓޯލްތައް ހައުސިން މިނިސްޓްރީން ބޭނުންވެއްޖެ ހިނދެއްގައި ނެގޭ ގޮތަށް އުސޫލު އެކުލަވާލައި ގެޒެޓްކޮށްފި އެވެ.
ހެދި ގޮނޑުދޮށް ސަރަހައްދު 1، ހެދި ގޮނޑުދޮށް ސަރަހައްދު 2، ހުޅަނގު ދެކުނު ބަނދަރު ސަރަހައްދުގައި ހިމެނޭ ބިންތައް، ކެފޭ، ރެސްޓޯރަންޓް އަދި ސައިހޮޓާ ފަދަ ތަންތަން ހިންގުމަށް ބިން ދޫކުރުމުގައި އަމަލުކުރާނެ އުސޫލު މިއަދު ގެޒެޓްކޮށްފައިވާއިރު އޭގައި ވާގޮތުން، ސްޓޯލް ނެގުމުގެ ބާރު ހައުސިން މިނިސްޓްރީއަށް ބޭނުންވެއްޖެ ހިނދެއްގައި ލިބެ އެވެ. އެގޮތުން ތިން މަސްދުވަހުގެ ނޯޓިސްއެއް ދިނުމަށްފަހު ތަން ނެގޭނެ ކަމަށް އުސޫލުގައި ވަނީ ބުނެފަ އެވެ.
ސްޓޯލް ވަކިކުރުން
- (ވ) - ހައުސިން މިނިސްޓްރީން ބޭނުންވެއްޖެ ހިނދެއްގައި ތިން މަސްދުވަހުގެ ނޯޓިސްއެއް ދިނުމަށްފަހު ވަކުކުރެވިދާނެ އެވެ.
ކެފޭ އަދި ރެސްޓޯރެންޓް ހޮޓާ ފަދަ ތަންތަން ހިންގުމަށް ކުއްޔަށްދޭ އެންމެ ދިގުމުއްދަތެއްގެ ގޮތުގައި އުސޫލުގައި ކަނޑައަޅާފައިވަނީ އެއް އަހަރެވެ. ނަމަވެސް މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުން ބިޑު އުސޫލުން ދޫކުރެވޭ ތަންތަން ފަސް އަހަރަށް ކުއްޔަށް ދެވޭނެ ކަމަށް އުސޫލުގައި ވަނީ ކަނޑައަޅާފަ އެވެ.
މިނިސްޓްރީ އިން މިއަދު އާންމު ކުރި އުސޫލުގެ ދަށުން ދޫކުރެވޭ ބިންތަކުގައި ކުރެވޭނީ ކާބޯތަކެތީގެ ވިޔަފާރި ކަމަށާއި އެހެންކަހަލަ ވިޔަފާރިއެއް ކުރާނަމަ މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭނެކަމަށް އުސޫލުގައި ވަނީ ބަޔާންކޮށްފަ އެވެ. އެ އުސޫލުގެ ދަށުން ކުއްޔަށް ދޫކުރެވޭ އިމާރާތްތަކުގެ އަގަކަށް އެންމެ ކުޑަވެގެން 10،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އުސޫލުގައިވެ އެވެ.
ސްޓޯލުގެ ކުލި
- (ހ) - މި އުސޫލުގެ ދަށުން ދޫކުރެވޭ ސްޓޯލުގެ ކުއްޔަކީ، އެންމެ ކުޑަވެގެން މަހަކު 10،000 ރުފިޔާ އެވެ. ކުއްޔާއެކީ މެއިންޓެނެންސް ފީގެ ގޮތުގައި ކޮންމެ އަކަފޫޓަކަށް 1 ރުފިޔާގެ މަގުން މެއިންޓެނެސް ފީއެއް ކޮންމެ މަހަކު ނެގޭނެ އެވެ.
މިއަދު ގެޒެޓުގައި އުސޫލު އާންމު ކުރުމާ އެކު ވަނީ އެ އުސޫލަށް އަމަލުކުރަން ފަށާފަ އެވެ.