ހުޅުމާލޭގައި ގާއިމް ކުރި ކުޑަކުދިންގެ ހިޔާ، ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް މިރޭ ހުޅުއްވައިދެއްވައިފި އެވެ.

ހުޅުމާލޭގެ ލާލޭ ސްކޫލާ ޖެހިގެން އޮންނަ ހުސް ބިމުގައި އިމާރާތް ކޮށްފައިވާ ކުޑަކުދިންގެ ހިޔާއަކީ ޔޫއޭއީގެ މަހުމޫދު އަލް ހާޖާގެ ހިލޭ އެހީގެ ދަށުން އަޅާފައިވާ ތަނެކެވެ.

ބާރަ ކޮޓަރީގެ އިމާރާތުގައި ހުރިހާ ހިދުމަތެއްވެސް ދިނުމަށް ހަމެޖެހިފައި ވަނީ ދެ ޖިންސުގެ ކުދިންނަށް ވަކިންނެވެ. ހުޅުމާލޭގައި އިމާރާތްކުރި ކުޑަކުދިންގެ ހިޔާ އަކީ 129 ކުދިންގެ ޖާގައިގެ ތަނެކެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ހުޅުމާލެ ކުޑަކުދިންގެ ހިޔާއަށް 50 ށް ވުރެ ގިނަ ކުދިން ބަދަލު ކުރެވިގެންދާނެ ކަމަށާއި، ސްކޫލަށް ދިއުމާ ހުރިހާ ކަމެއް ހަމަޖެހި އެކުދިންނަށް އެއްވެސް ދައްޗެއް ނުވާނެ ކަމަށެވެ.

ހުޅުމާލޭ ކުޑަކުދިންގެ ހިޔާ ރަސްމީކޮށް ހުޅުމުވުމަށް އެތަނުގައި ފެށިގެން މިހާރު ކުރިއަށްދާ އެރަސްމިއްޔާތުގައި ރައީސް ޔާމީންގެ ދެކަނބަލުންގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި މުއައްސަސާތަކުގެ އިސްވެރިންވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

ހުޅުމާލެ ކުޑަކުދިންގެ ހިޔާއަށް ބަދަލު ކުރުމަށް ހަމަޖެހިފައި ވަނީ އުމުރުން ނުވަ އަހަރުން ދަށުގެ ކުދިން ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފަ އެވެ.