17 Feb 2016, 19:00
އުރީދޫ ކަސްޓަމަރުންނަށް އިތުރު އިނާޔަތްތަކާއެކު "ރިވާޑްސް" ސްކީމް ތައާރަފްކޮށްފިއެވެ.
ހޮޓެލް ޖެންގައި މިއަދު ބޭއްވި ހަފްލާއެއްގައި އެ ހިދުމަތް ތައާރަފްކޮށްފައިވަނީ އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ އާއި އެކުންފުނީގެ ހެޑް އޮފް ކަސްޓަމާ ކެއާ ގުލްނާޒު މާހިރުއެވެ.
އެހިދުމަތް ތައާރަފް ކުރުމުގެ ގޮތުން ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ ވިކްރަމް ވިދާޅުވީ، އެ ހިދުމަތް ތައާރަފްކޮށްފައި ވަނީ އަގުހުރި ކަސްޓަމަރުންނަށް ޝުކުރު އަދާ ކުރުމުގެ ގޮތުން ކަމަށެވެ.
"އުރީދޫގެ ހިދުމަތް ބޭނުންކުރާ ކޮންމެ ފަހަރަކުވެސް އެބޭފުޅުންނަށް ހާއްސަ އިނާޔަތްތަކެއް ލިބުމުގެ ފުރުސަތު ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ވިކްރަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި އެކުންފުނި އަބަދުވެސް މަސައްކަތް ކުރަމުންދާނީ ކަސްޓަމަރުންނަށް އިތުރު ފައިދާތަކެއް ހޯދައި ދިނުމަށެވެ.
އެ ސްކީމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އުރީދޫގެ ސީނިއާ އެގްޒެކްޓިވް ޕަބްލިކްރިލޭޝަންސް، ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ، އުރީދޫގެ ހިދުމަތް ލިބިގަތުމަށް ބޭނުންކުރާ ކޮންމެ ރުފިޔާއަކަށް އެ ސްކީމުގެ ދަށުން ޕޮއިންޓް ލިބޭނެ ކަމަށެވެ.
"ޕްރީޕެއިޑް ކަސްޓަމަރުން ރީޗާޖް ކުރާ ކޮންމެ ފަހަރަކު އެއަދަދަށް އެކަށީގެންވާ ޕޮއިންޓް ލިބިގެންދާއިރު މުއްދަތު ހަމަވުމުގެ ކުރިން ބިލް ދެއްކެވުމުން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެދުން ޕޮއިންޓް ލިބިގެންދާނެ،" ނޫރާ ވިދާޅުވިއެވެ.
ހިލޭ ލިބޭ އެ ޕޮއިންޓްތައް މެދުވެރިކޮށް ހިލޭ ކޯލް ކުރުމާއި ހިލޭ އެސްއެމްއެސް އާއި ޑޭޓާ އަދި ކޯޕަރޭޓް ހަދިޔާ ލިބިގެންދާނެ ކަމަށް ނޫރާ ވިދާޅުވިއެވެ.
ހަމައެހެންމެ އެ ޕޮއިންޓްތައް މެދުވެރިކޮށް މަޝްހޫރު ވިޔަފާރިތަކުން ވައުޗާ އަދި އިނާޔަތްތައް ލިބިގެންދެއެވެ. އެ ވިޔަފާރިތަކުގެ ތެރޭގައި ހަމީދިއާ އާއި ފެންޓަސީ ސްޓޯރުގެ އިތުރުން ރެޑްވޭވް ފަދަ ވިޔަފާރިތައް ހިމެނެއެވެ.