މަޝްހޫރު އެކްޓަރު އަދި ޕްރޮޑިއުސަރު އަރުބާޒް ހާން އާއި އޭނާގެ އަންހެނުން މަލައިކާ އަރޯރާ ވަރިވާން އުޅޭ ކަމަށް ބުނެ މީޑިއާގައި ހަބަރުތައް ފެތުރޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ. އެ ދެ ތަރިން ވަރިވާން އުޅޭ ކަމަށް ބުނެ ތަފާތު ހަބަރުތައް ފެތުރުނު ނަމަވެސް، އަދިއަދަށް ދާންވެސް އެ ދެ ތަރިން އެކަމެއް ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ނަމަވެސް އަރުބާޒު އަންނަނީ އެ ވާހަކަތަކަށް ރައްދު ދެމުންނެވެ. ދާދިފަހުންވެސް އޭނާ ވަނީ އެފަދަ ވާހަކަތައް ފަތުރާ ގިނަ ބަޔަކަށް ވަރުގަދަ ރައްދެއް ދީފައެވެ. ނަމަވެސް މީޑިއާގައި ފެތުރޭ އެ ވާހަކަ ތަކަށް ކުޑަ ނަމަވެސް ބަދަލެއް ނާދެއެވެ.

އެގޮތުން އަރުބާޒު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ، އޭނާ އާއި އަންހެނުން މަލައިކާގެ އިންސްޓަގުރާމް ބެލުން ހުއްޓާލަން ވެއްޖެ ކަމަށެވެ. އަދި އެއަށް ބެލުމަށްފަހު ފާޑުފާޑުގެ ގޮތް ނިންމުން ހުއްޓާލަން ވެއްޖެ ކަމަށެވެ.

"އަހަރެންގެ ފިލްމުތަކުގެ ވާހަކައެއް ނޫން ތި ދައްކަނީކީ. ތި ވާހަކަ ދައްކަނީ އަހަރެންގެ އަމިއްލަ ދިރިއުޅުމާއި ކައިވެންޏާ ބެހޭ ގޮތުން! އަހަރުން ނުޖެހޭ އެއްވެސް މީހަކަށް ކިޔައި ދޭކަށް،" އަރުބާޒު ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.

ހަމައެއާއެކު، އޭނާ ކުރި އެހެން ޓުވީޓެއްގައި ބުނެފައި ވަނީ އޭނާގެ ދިރިއުޅުމާ ގުޅޭގޮތުން ވާހަކަ ދައްކާނީ އޭނާ ބޭނުމިއްޔާ ބޭނުން ވަގުތަކު ކަމަށެވެ.

ކޮންމެެއަކަސް، އަރުބާޒުގެ ރުޅިގަނޑު މަތިރިވާކަށް ނޫޅެއެވެ. އަދި މީޑިއާގައި ދެކެވޭ ވާހަކަތަކަށް ވެސް ނިމުމެއް އަންނާކަށް ނޫޅެއެވެ.