23 Apr 2011, 14:59
މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން އުމުރަށް ޖަލަށްލާން ހުކުމްކޮށްފައި ހުރި މީހަކު މާލޭ ފިހާރައަކަށް ވަދެ ސޭޓަށް ހަމަލާދީ މަރުގެ އިންޒާރު އެވެ.
ކްރިމިނަލް ކޯޓުން ބުނީ ފިހާރައަކަށް ވަދެ އެތަނުގެ މުދަލަށް ގެއްލުންދީ ސޭޓަށް ހަމަލާދިނުމަށްފަހު މަރުގެ އިންޒާރު ދީފައި ވަނީ ގ. ސަންޑާސް، އިސްމާއިލް ވަހީދު ކަމަށެވެ. އަދި ބުނެފައި ވަނީ އޭނާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ މީހެއް ކަމަށެވެ.
"އެ މީހާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހެއް. އެމީހާގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމަށްޓަކައި ކަމާބެހޭ އިދާރާއާ ހަވާލުކޮށްފައިވާކަން ކްރިމިނަލް ކޯޓުގެ ރެކޯޑްތަކުން ދައްކާ،" ކޯޓުގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ކްރިމިނަލް ކޯޓުން ބުނެފައި ވަނީ ސޭޓަށް މަރުގެ އިންޒާރުދިން ކަމަށް ބުނާ މައްސަލައިގައި ވަހީދު ކޯޓަށް ގެނައުމުން 15 ދުވަހު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ހުކުމް ތަންފީޒު ކުރުމަށްޓަކައި ކަމާބެހޭ އިދާރާއާ ހަވާލު ކުރުމަށް ފުލުހުންނަށް އަންގާފައިވާނެ ކަމަށް ވެސް ކްރިމިނަލް ކޯޓުން ބުންޏެވެ.
މީގެ އިތުރުން ވެސް ދިގު މުއްދަތަކަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ ތިބޭ މީހުން ކްރިމިނަލް ކޯޓުގެ މުއްދަތުގެ މަޖިލީހަށް ގެންނަމުންދާ ކަމަށް އެ ކޯޓުން މީގެ ކުރިން ބުނެފައިވެ އެވެ. އޭގެ ތެރޭގައި 25 އަހަރަށާއި 12 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހުން ވެސް ހިމެނޭ ކަމަށް އެ ކޯޓުން ބުނެފައިވެ އެވެ.