އަދާލަތު ޕާޓީގެ ރައީސް ޝައިޚު އިމްރާން ޢަބުދުﷲގެ މައްޗަށް ކުށް ސާބިތުވެ ހުކުމް ކުރުމަކީ ރުޅިވެރިކަން އުފެއްދުމަށް ވާހަކަ ދެއްކުމާއި ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް އަމަލުކުރާ ކަންތައްތަކަށް ރާއްޖޭން ޖާގަ ނުދޭނެ ކަމުގެ ސާފު މެސެޖެއް ދޭ ކަމެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ އަހަރު މޭމަހުގެ ފުރަތަމަ ދުވަހު ކުރި މުޒާހަރާގައި ހަމަ ނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ޝައިޚް އިމްރާން ވާހަފުޅުދެއްކެވި ކަމަށާއި އެ ވާހަކަފުޅަށް އަމަލުކޮށް، ބައެއް މީހުން ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ.

"...މުޒާހަރާގެ ކުޑަ ދުވަސްކޮޅެއް ކުރިއާ ޖެހެންދެން ޝައިޚް އިމްރާނުގެ ޕާޓީ އޮތީ ވެރިކަން ކުރާ ޕާޓީއާއި އެކު ކޯލިޝަނެއްގައެވެ. އެޕާޓީގެ އިސް ބޭފުޅުން ތިއްބެވީ ސަރުކާރުގެ މަތީ މަގާމުތަކުގައެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.

އަސާސީ ހައްގުތަކާއި މިނިވަން ކަމަކީ ޑިމޮކްރަސީތަކުގައި އަދި ވަކިން ހާއްސަކޮށް ރާއްޖެ ކަހަލަ ތަރައްގީވަމުން އަންނަ ޑިމޮކްރަސީތަކުގައި ކޮންމެހެން ބޭނުން ކަމެއް ކަމަށާއި އެހެން ނަމަވެސް އެއީ ފަރުދުން ހިތުހުރިހާ ގޮތަކަށް އުޅުމެއް ނޫން ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

އިމްރާނަށް ހުކުމް ކުރުމާ ގުޅިގެން ފޮރިން މިނިސްޓްރީން މިފަދަ ބަޔާނެއް ނެރެފައި ވަނިކޮށް އިނގިރޭސިވިލާތުން ވަނީ އެ ހުކުމާއި މެދު ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ.