17 Feb 2016, 17:13
އެމްއެންޑީއެފް ކޯސްޓްގާޑަށް ހަތިޔާރާއެކު ކަނޑުމަތީގައި ހަރަކާތްތެރި ވެވޭނެ "ފާސްޓް އިންޓަސެޕްޓަރ" އުޅަނދު ހޯދުމަށް ލަންކާގެ ކުންފުންޏަކާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ކޯސްޓް ގާޑު ބިލްޑިންގ ގައި އޮތް ރަސްމިއްޔާތެއްގައި އެމްއެންޑީއެފަށް ފަސް އުޅަނދު ހޯދުމަށް 129 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފައި ވަނީ ސޮލާސް މެރައިން ލަންކާ ޕްރައިވެޓް ލިމިޓެޑާ އެވެ.
އެއްބަސްވުމުގައި ޑިފެންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރެވެ. ސޮލާސް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު ޕުރަވީން ޝަނޯއީ އެވެ.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު -- ސަން ފޮޓޯ: މުހައްމަދު އަފްރާހް
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ، މި އަހަރުގެ ތެރޭގައި އެ ފަސް އުޅަނދު ރާއްޖެއަށް ގެނެވޭނެ ކަމަށެވެ. އޭގެ އިތުރުން އެ އުޅަނދުތަކާ އެކު އެމްއެންޑީއެފްގެ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށާއި، ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް ބެލެހެއްޓުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިކަމުގެ ސަބަބުން ރާއްޖޭގެ ހާއްސަ ގޮތެއްގައި ކަނޑުތަކުގައި މަސައްކަތް ކުރައްވާ މަސްވެރިންނަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ. އަދި ހަމައެއާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް މިހާރުވެސް ކޯސްޓް ގާޑުން ކުރަމުން އަންނަ މަސައްކަތްތައް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމް ވިދާޅުވީ، މިއީ އެމްއެންޑީއެފްގެ ތާރީހުގައިވެސް ފާހަގަކޮށްލެވޭނެ ދުވަހެއް ކަމަށެވެ. އަދި މި އުޅަނދުތައް ގެނައުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.