17 Feb 2016, 16:46
އަދާލަތުޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބުދުﷲ 12 އަހަރަށް ޖަލަށްލާން ހުކުމްކުރުމަކީ ރާއްޖޭން ފަހަތަށް އެޅި ފިޔަވަޅެއް ކަމަށް އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ ސްޓޭޓް މިނިސްޓަރު ހޫގޯ ސްވަޔާ ވިދާޅުވެއްޖެއެވެ.
ސްވަޔާ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވުމާއި ހުރިހާ ޕާޓީތައް ބައިވެރިވާ މަޝްވަރާތައް އިއުލާން ކުރުން ފަދަ ކަންކަމުން ހެޔޮ ނިޔަތް އޮތްކަން ދެއްކުމަށް ފަހު އިމްރާނަށް ހުކުމްކުރުމަކީ ފަހަތަށް އެޅި ފިޔަވަޅެއް ކަމަށެވެ.
"... އިންސާނީ ހައްގުތަކުގެ ދާއިރާއިން ބައިނަލް އަގުވާމީ މުޖުތަމައަސް ދީފައިވާ ކޮމިޓްމެންޓާ އެއްގޮތަށް ކަންތައްތައް ކުރުމަށް އަހަރެން ޖެނުއަރީމަހު ދިވެހިރާއްޖެއަށް ޒިޔާރަތްކުރި އިރު ސަރުކާރަށް ހިތްވަރު ދިނިން. ކުރީގެ ރައީސް ނަޝީދު ބޭސްފަރުވާއަށް ވަޑައިގެންނެވުމަށް ދޫކުރުމާއި ހުރިހާ ޕާޓީތަކުގެ މަޝްވަރާ އިއުލާންކޮށް، ހެޔޮ ނިޔަތް އޮތް ކަން ދެއްކުމަށް ފަހު ޝައިޚް އިމްރާނަށް ހުކުމް ކުރުމަކީ ފަހަތަށް އެޅި ފިޔަވަޅެއް،" ސްވަޔާ ވިދާޅުވެފައި ވެއެވެ.
ކޮމަންވެލްތުގެ އަގު ހުރި މެމްބަރެއްގެ ހައިސިއްޔަތުން ޝަރުއީ ނިޒާމު މިހާރަށް ވުރެން ބޮޑަށް މިނިވަންކުރުމަށް މަސައްކަތް ކުރުމަށާއި ޑިމޮކްރަސީއަށް އިތުބާރު އުފެއްދުމަށް ދިވެހި ސަރުކާރަށް ގޮވައިލައްވާ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.
"...ހުރިހާ ޕާޓީތަކުގެ މަޝްވަރާއަކީ އިޚުލާސްތެރިކަމާއި އެކު ކުރާ މަޝްވަރާއަކަށް ހެދުމަށްޓަކައި ހުރިހާ ސިޔާސީ ކުށްވެރިން ދޫކޮށްލައި، ސިޔާސީ ބޭނުމަށް ހިންގާ ޝަރީއަތްތައް ސަރުކާރުން ނިމުމަކަށް ގެންނަން ޖެހެއެވެ،" ބަޔާން ނިންމަވައިލައްވަމުން ސްވަޔާ ވިދާޅުވެފައި ވެއެވެ.