ސ. މަރަދޫ ހުދުހިރި އަހްމަދު މަފާޒަށް ހަމަލާދެނިކޮށް ފެނުނު ކަމަށާއި ނަމަވެސް އެ ހަމަލާދިނީ ކާކުކަމެއް ނޭނގޭ ކަމަށް ބުނެ މިއަދު މީހަކު ކޯޓުގައި ހެކިބަސްދީފިއެވެ.

ކާކުކަން ނޭނގޭގޮތަށް ސިއްރުން އެމީހާ ހެކިބަސްދީފައި ވަނީ މަފާޒު މަރާލުމުގެ ކުރިން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލި ތިން މީހުންނާ ދެކޮޅަށް މިއަދު ހިންގި ޝަރީއަތުގެ މަޖިލީހުގައެވެ.

އެ މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ތިން މީހުންނަކީ ހ. ބްލޫބާޑް މުހައްމަދު މިދުހަތު އާއި ހ. އީމާންމަންޒިލް އަހްމަދު ސައީދުގެ އިތުރުން މާލޭ ދަފްތަރު 1475 އަހްމަދު ރިޒާމްގެ މައްޗަށެވެ.

ހެކިބަސްދިން މީހާ ބުނީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ގ. މަސްއޮޑިގެ ކައިރީގައި މާރާމާރީ ހިންގިއިރު އޭނާ އެ ސަރަހައްދުގައި ހުރި ކަމަށެވެ.

މަންޒަރު ފެނުނުގޮތް ކިޔައިދެމުން އޭނާ ބުނީ އެ ސަރަހައްދުގައި މަފާޒު އިށީދެގެން އިންއިރު ބޮލުގައި ހުޅިއެއް ޖަހާފައި ހުރި އިސްކޮޅުން ދިގު މީހަކު އޭނަ ކައިރީ ހުރެ ވަރަށް ބާރަށް ހަޅޭލެއްވި ކަމަށެވެ.

އެއަށްފަހު ފޫޓެއްހާ ދިގު މިނުގެ ފަތިބުރިއެއް ކަހަލަ އެއްޗަކުން މަފާޒުގެ ދަތްދޮޅީގައި އަތް ވިއްދައި ކޮޅަށް ތެދުކުރުމަށް ފަހު އޭނާއަށް ހަމަލާދީފައިވާ ކަމަށް މަންޒަރު ފެނުނު މީހާ ބުންޏެވެ.

އެމީހާ ބުނީ މަފާޒަށް ހަމަލާދޭން ފެށުމުން ފުލުހުންނަށް ރިޕޯޓު ކުރަން ގުޅުމުން ފުލުހުން ފޯނަށް ޖަވާބުނުދޭތީ ފުލުހުންނަށް މައްސަލަ ހުށަހެޅޭގޮތް ނުވިކަމަށެވެ.

ފުލުހުންނަށް ގުޅޭގޮތް ނުވުމުން އަނބުރާ އެ ސަރަހައްދަށް ދިޔައިރު ލެއިން ތަތްތެޅިފައި މަފާޒު އެ ސަރަހައްދުގައި އޮތް މަންޒަރު ފެނުނު ކަމަށާއި އެވަގުތު ބިންދައިގެން ގޮސްފައިވާ ލަކުނޑި ބުރިތަކެއް ވެސް އެ ސަރަހައްދުގައި ހުރި ކަމަށެވެ.

އެވަގުތު ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވި އިރު ގިނަ ބަޔަކު ވެސް އެ ސަރަހައްދަށް ވަނީ ޖަމާވެފައި ކަމަށް އޭނާ ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ޏ. ފުވައްމުލައް، ލާސާނީ، ވިޝާހު ރަޝާދުގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާ އުފުލިއެވެ. ނަމަވެސް އޭނާ ނިދިގޮތަށް ހޭނާރައި އޮވެ ވަނީ މަރުވެފައެވެ.