ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އެއްޗެއް ގޮވި މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ވަރަށް އަވަހަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން ފުލުހުން ނިންމައިފިއެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ވަނީ ފުރިހަމަ ކުރެވިފައެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން ތުހުމަތު ކުރެވޭ މީހުން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރާއި ސިފައިންގެ ބައެއް މީހުން ވެސް ހިމެނެއެވެ.

ސަން އަށް އެނގިފައިވާގޮތުގައި ބޮޑީގާޑެއްގެ ފަރާތުން އެ މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިފައެވެ.

އެ މައްސަލަ ބެލުމަށް ރައީސް ޔާމީން އެކުލަވާލެއްވި ނޭޝަނަލް އިންކުއަރީ ކޮމިޝަންގެ ކޯޗެއާ އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ އެއީ ސީދާ ރައީސް ޔާމީން އަވާހަރަކޮށްލަންދީފައިވާ ހަމަލާއެއް ކަމަށެވެ.

އުމަރު ވިދާޅުވީ ލޯންޗުކޮޅުގެ ހާދިސާގައި އަދީބުގެ މައްޗަށް ތުހުމަތު ކުރެވޭ ހެކިތައް އެބަހުރި ކަމަށެވެ.