17 Feb 2016, 16:14
އެމެރިކާގެ ސެން ބާނަޑީނޯގައި ބަޑި ޖަހާ 14 މީހަކު މަރާލި ސައިދް ރިޒްވާން ފާރޫގްގެ ފޯނު ހުޅުވުމުގައި އެޕަލް އިން އެފްބީއައި އަށް އެހީވާން އެގައުމުގެ ކޯޓަކުން ކުރި އަމުރަށް ތަބާވެވެން ނެތް ކަމަށް އެޕަލް އިން ބުނެފި އެވެ.
އެފްބީއައި އިން ބުނެފައި ވަނީ ފާރޫގެ ފޯނުގައި މުހިއްމު މައުލޫމާތުތަކެއްވާ ކަމަށެވެ. ނަމަވެސް، ފޯނުގެ ޕާސްކޯޑު ދިނުމަށް އޭނާ ވަނީ ދެކޮޅު ހަދާފައި ކަމަށެވެ. އައިފޯނު ސެކިއުރިޓީ ސޮފްޓެވެއާ ހަދާފައި ހުންނަ ގޮތުން ފޯނު ހުޅުވަން 10 ފަހަރު ނުބައި ޕާސްކޯޑު ޖަހައިފި ނަމަ ފޯނުގައި ހުރި ހުރިހާ މައުލޫމާތު ފޮހެވޭނެ އެވެ. އެހެންކަމުން، އެފްބީއައި އިން ވަނީ ދެކަމެއް ކޮށްދިނުމަށް އެޕަލްގެ ފަރާތުން އެދިފަ އެވެ.
ފުރަތަމަ ކަމަކަށް، ކިތަންމެ ގިނަ ފަހަރަކު ނުބައި ޕާސްކޯޑް ޖެހި ނަމަވެސް ފޯނުގައި ހުރި މައުލޫމާތު ނުފޮހެވޭ ގޮތަށް ފާރޫގުގެ އައިފޯނު ބަދަލު ކުރުމެވެ.
ދެވަނަ ކަމަކަށް، އެކި ފަހަރު މަތިން ޕާސްކޯޑު ޖެހުމުގެ ބަދަލުގައި އެއްފަހަރާ ތަފާތު ޕާސްކޯޑުތައް ޓެސްޓް ކުރެވޭނެ ގޮތަކަށް ފާރޫގުގެ ފޯނު ބަދަލު ކުރުމެވެ.
ފާރުގުގެ ފޯނުގައި ބޭނުންކޮށްފައި ވަނީ ހަތަރު ނަމްބަރުގެ ޕާސްކޯޑެކެވެ. އެހެންކަމުން ޕާސްކޯޑު ހެދޭނެ 10،000 ގޮތެއް އޮންނާނެ އެވެ.
"ސަރުކާރުން އެދެނީ އެތައް އަހަރުތަކުގެ މަސައްކަތުން ހެކަރުންނާއި ސައިބާކްރިމިނަލްސްގެ ފަރާތުން އަޅުގަނޑުމެންގެ ކަސްޓަމަރުން ރައްކާތެރި ކުރުމަށް ތަރައްގީކޮށްފައިވާ ސަލާމަތީ ފިޔަވަޅުތައް ހުރަސްކޮށްފައި އަޅުގަނޑުމެންގެ ޔޫޒާސް ހެކް ކުރަން،" އެޕަލްގެ ޗީފް އެގްޒެކެޓިވް ޓިމް ކުކް ދެއްވި ބަޔާނެއްގައިވެ އެވެ.
އެހެންކަމުން، އޭގެ ސަބަބުން އެޕަލްގެ ކަސްޓަމަރުން ނުރައްކަލަށް ހުށަހެޅޭނެތީ ކޯޓު އަމުރާ އެއްގޮތަށް އަމަލު ކުރެވެން ނެތް ކަމަށް ޓިމް ކުކް ވިދާޅުވި އެވެ. (ބީބީސީ)