މާލޭގައިއާ އާރުއޯ ޕްލާންޓެއް ބަހައްޓަން ނިންމާފައި ވާތީ، އެ އާރުއޯ ޕްލާންޓް ބަހައްޓާނެ އިމާރާތެއް އެޅުމަށް އަމީން ކޮންސްޓްރަކްޝަނާ މިއަދު ހަވާލުކޮށްފި އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު އެމްޑަބްލިއުއެސްސީ އިން ވަނީ މާލެއަށް އާ އާރުއޯ ޕްލާންޓެއް ގެނައުމަށް ޖަޕާނުގެ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. އެ އާރުއޯ ޕްލާންޓް މިއަހަރު މާލެ އަށް ގެންނަ އިރު، މިއަދު އަމީން ކޮންސްޓްރަކްޝަނާ ހަވާލުކުރީ އެ ޕްލާންޓް ބަހައްޓާނެ އިމާރާތެއް އެޅުމަށެވެ.

ފެން ބިލްޑިންގުގައި މިއަދު މެންދުރު ފަހު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް އެވެ. އަމީން ކޮންސްޓްރަކްޝަންސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު އެވެ.

ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފަޒުލް ވިދާޅުވީ، ޖަޕާނުގެ ކުންފުންޏަކާ ހަވާލުކުރި އާރުއޯ ޕްލާންޓް މި އަހަރު މެއި މަހު ރާއްޖެ އަށް ގެނެވޭނެ ކަމަށެވެ. އަދި ޖޫން މަސް ނިމެންވާއިރަށް އެ ސިސްޓަމް އިންސްޓޯލްކޮށް ނިންމާލެވޭނެ ކަމަށް ފަޒުލް ވިދާޅުވި އެވެ.

މިއަދު ހަވާލުކުރި ޕްރޮޖެކްޓްގެ ޖުމްލަ އަގަކީ 3.8 މިލިއަން ރުފިޔާ ކަމަށް ފަޒުލް ވިދާޅުވި އެވެ. އަދި މަސައްކަތް ނިންމުމަށް އަމީން ކޮންސްޓްރަކްޝަނަށް ދީފައި ވަނީ 120 ދުވަހުގެ މުއްދަތެކެވެ. ފަޒުލް ވިދާޅުވީ އެ ޕްލާންޓް ބަހައްޓާނީ ފިއުލް ސަޕްލައި ތެޔޮ ޝެޑްކައިރިން ހުޅަނގަށްވާ ގޮތަށް އޮންނަ އެމްޑަބްލިއުއެސްސީގެ ބިމެއްގައި ކަމަށެވެ.

ފަޒުލް ވިދާޅުވީ ޕްލާންޓުން އުފައްދާ ފެން ޓްރާންސްފާ ކުރާނީ ކަލާފާނު ސްކޫލް ސަރަހައްދުގައި ހުންނަ އެ ކުންފުނީގެ ފެން ތާންގިއަށް ކަމަށެވެ. އަދި ހަވީރީހިނގުމުގައި ހުންނަ އެ ކުންފުނީގެ ބިމެއްގައި ވަރަށް އަވަހަށް ކޮންސްޓްރަކްޝަން މަސައްކަތް ފަށައި ޕްލާންޓެއް އިތުރުކުރާނެ ކަމަށް ފަޒުލް ވިދާޅުވި އެވެ.