17 Feb 2016, 16:23
ސެމީ ފައިނަލަށް ދަތުރުކޮށް، ދުވަސްވީ ގައުމީ ރެކޯޑްތަކެއް މުގުރާލުމުގެ އަމާޒުގައި ދިވެހި އެތުލެޓިކްސް ޓީމުން ހަތް ވަނަ އޭޝިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަ ކުރުމަށް ދޯހާއަށް ހިނގައްޖެއެވެ.
ދޯހާއަށް ދިޔަ ޓީމުގައި ހިމެނެނީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ޙަސަން ސާއިދާއި ޒުވާން ދެ އެތުލީޓުން ކަމަށްވާ ޒާރާ އާތިފް އާއި ޝަރީޝް އަހުމަދެވެ.
އިންޑޯ ޗެމްޕިއަންޝިޕްގައި ރާއްޖޭން ދުވާނީ 60 މީޓަރު އިވެންޓުގައެވެ.
އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ޠޮލާލް ވިދާޅުވީ، ދިވެހި އެތުލީޓުން އިންޑޯ ޓްރެކްގައި ދުވަން ޖެހުމުން މާބޮޑު ތާފާތެއް ނާންނާނެ ކަމަށާއި ޒާރާ އާއި ޝަރީފްގެ ޓާގެޓަކީ އެ ޗެމްޕިއަންޝިޕްގައި ހަދާފައިވާ ދުވަސްވީ ގައުމީ ރެކޯޑްތައް މުގުރާލުން ކަމަށެވެ.
އަދި ސާއިދު ސެމީ ފައިނަލަށް ދަތުރުކޮށް ފައިނަލުގެ ޖާގައެއް ހޯދާނެ ކަމަށް އުންމީދު ކުރާ ކަމަށް ޠޮލާލް ވިދާޅުވިއެވެ.
އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 60 މީޓަރުގެ ގައުމީ ފިރިހެން ރެކޯޑް އޮތީ 2010 ވަނަ އަހަރު އިރާންގެ ވެރިރަށް ތެހެރާންގައި ބޭއްވި ޗެމްޕިއަންޝިޕްގައި 7.27 ސިކުންތުން ރޭސް ނިންމި އިސްމާޢީލް ޝަނީމް އަތުގައެވެ.
އަދި އަންހެން ރެކޯޑް ހަދާފައި ވަނީ 2008 ވަނަ އަހަރު ދޯހާގައި ބޭއްވި ޗެމްޕިއަންޝިޕްގައި 8.30 ސިކުންތުން ރޭސް ނިންމި ޖައުނާ ޢަބްދުﷲ ނާފިޒު އަތުގަ އެވެ.
"އަޅުގަނޑުމެންގެ ވަރަށް ބޮޑު ޓާގެޓެއް މި ރެކޯޑްތައް މިފަހަރު މުގުރާލުން. އޭގެއިތުން ސާއިދު ސެމީއަށް ގޮސް ފައިނަލާ ހަމަޔަށް ދާނެ ކަމަށް އަޅުގަނޑު ވަރަށް ބޮޑަށް އުންމީދު ކުރަން،" ޠޮލާލް ވިދާޅުވިއެވެ.
މި މުބާރާތުގައި އޭޝިއާގެ އެންމެ މަތީ ފަންތީގެ ދުވުންތެރިން ވާދަ ކުރާނެއެވެ.