17 Feb 2016, 14:43
ސިޔާސީ3 ޕާޓީތަކާ އެކު ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްވަރާގެ ވާހަކަ ދެއްކުމަށް އިތުބާރު އޮތް މާހައުލެއް ގާއިމްކުރަން ޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.
އެ ދެޕާޓީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ ސަރުކާރާ އެކު ވާހަކަ ދެއްކުމަށް އިތުބާރު އޮތް މާހައުލެއް މިހާތަނަށް ގާއިމްކުރެވިފައި ނެތް ކަމަށެވެ. އަދި އިތުބާރު އޮތް މާހައުލެއް ސަރުކާރުން ގާއިމްކުރައްވަން ޖެހިވަޑައިގަންނަވާކަން އެ ދެ ޕާޓީން ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ ސިޔާސީ ޕާޓީތަކާ އެކު ސަރުކާރުން މަޝްވަރާ ކުރަން ހުށަހެޅި ކަމުގައިވީ ނަމަވެސް އެކަމުގައި އެއްވެސް އިހުލާސްތެރި ކަމެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރާ އެކު މަޝްވަރާ ކުރުމުގެ ދައުވަތު ސިޓީ އަދާލަތު ޕާޓީ އަށް ލިބުނީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ.
"އިއްޔެ ނޫން ކުރިން ދުވަހު ޕާޓީ ޓޯކްސްއަށް ދައުވަތު ލިބުނީ. ރޭ އަޅުގަނޑުމެން ޕާޓީގެ ރައީސަށް 12 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ. އެހެންވީމާ ސަރުކާރުން މަޝްވަރާއާ ދޭތެރޭ އޮތް އިހުލާސްތެރިކަން ހާމަވެގެން މި ދަނީ،" އަލީ ޒާހިރު ވިދާޅުވި އެވެ.
ޝިފާޒު ވިދާޅުވީ ރައީސް ޔާމީންގެ އިހުލާސްތެރިކަން މިފަހަރުގެ މަޝްވަރާގައި އެމަނިކުފާނު އިސްކުރައްވަން ޖެހޭ ކަމަށެވެ. އެގޮތުން މީގެ ކުރީގެ މަޝްވަރާތަކުގައި ކަން ހިނގައި ދިޔަ ގޮތް ވަރަށް ސާފުކޮށް ރައްޔިތުންނަށް ފެނިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިފަހަރު އަޅުގަނޑުމެންނަށް އިތުބާރު ގާއިމްކުރުމަށް ޓަކައި ރައީސް ޔާމީން ފުރަތަމަ ކުރައްވަން ޖެހިވަޑައިގަންނަވަން ޖެހޭ ކަމަކީ ސިޔާސީ ހުރިހާ ވެރިން މިނިވަން ކުރުމޭ. ވާހަކަ ދައްކަން މިއުޅެނީ ސިޔާސީ ޕާޓީތަކާ. އެއީ ސިޔާސީ ޕާޓީތަކުގެ ވެރިން ކުރައްވާ ކަމެއް. ނަމަވެސް ސިޔާސީ ޕާޓީތަކުގެ ލީޑަރުން އެވަނީ ބަންދުވެފައި،" ޝިފާޒު ވިދާޅުވި އެވެ.
ޝިފާޒު ވިދާޅުވީ މީގެ ކުރިން ސަރުކާރާ އެކު ބޭއްވި މަޝްވަރާތަކަށް ޖަވާބެއް ދެއްވުމަށް ތިން ދުވަހުގެ މުހުލަތެއް ސަރުކާރުން ދީފައިވާ ކަމަށެވެ. ނަމަވެސް މިފަހަރު ޖަވާބެއް ދެއްވުމަށް 15 ދުވަސް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިފާޒު ވިދާޅުވީ ސަރުކާރުން މަޝްވަރާއަށް ތިން ކަމެއް ހުށަހަޅާފައިވާ ކަމަށެވެ. އޭގެތެރޭގައި ގައުމު ތަރައްގީ ކުރުމުގައި ބައިވެރިވުމާއި ގައުމުގައި ސިޔާސީ ރަނގަޅު މާހައުލެއް ގާއިމްކުރުމުގެ އިތުރުން ރާއްޖޭގެ ދުސްތޫރީ އަދި ޝަރުއީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމެވެ.