ކޮލަމްބޯ (ފެބްރުއަރީ 17): ޝީނާ ބޯރާ މަރާލުމަށް ރޭވިކަމުގެ ދައުވާ އޭނާގެ ދޮންބައްޕަ އަދި ސްޓާ އިންޑިއާ ނެޓްވޯކްގެ ކުރީގެ ސީއީއޯ، ޕީޓާ މުކަރްޖީގެ މައްޗަށް އުފުލައިފި ކަމަށް ފުލުހުން ބުނެފި އެވެ.

ޝީނާ ބޯރާ މަރާލުމުގައި ބައިވެރިވުމުގެ ތުހުމަތުގައި ޕީޓާ މުކަރްޖީ ހައްޔަރު ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. ޝީނާ މަރާލި ކަމަށް ފުލުހުން އެންމެ ބޮޑަށް ތުހުމަތު ކުރަނީ އޭނާގެ ދައްތައެއް ކަމަށް ބުނަމުން ދިޔަ ޝީނާގެ މަންމަ، އިންދިރާނީ މުކަރްޖީގެ މައްޗަށެވެ. އަދި އިންދިރާނީގެ ކުރީގެ ފިރިމީހާ ސަންޖީވް ކަންނާއާއި އިންދިރާނީގެ ކުރީގެ ޑްރައިވަރު، ޝާމްވަރު ރާއީ ވަނީ ޝީނާ މަރާލުމުގައި ބައިވެރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ.

ޝީނާ ބޯރާ (ވާތްފަރާތުގައި) އާއި އޭނާގެ މަންމަ އިންދިރާނީ މުކަރުޖީ (ކަނާތްފަރާތުގައި) -- ފޮޓޯ: ޕީޓީއައި

އެމައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކޯޓަށް ހުށަހަޅަމުން އިންޑިއާގެ ސީބީއައި އިން ބުނެފައި ވަނީ ޝީނާ މަރާލާފައި ވަނީ ޕީޓާ މުކަރްޖީގެ ދަރިފުޅު، ރާހުލް މުކަރްޖީއާ ޝީނާއާ ދެމެދު އޮތް ލޯބީގެ ގުޅުމުގެ ސަބަބުން ކަމަށެވެ. ޕީޓާ އާއި އިންދިރާނީ ވަނީ އެގުޅުމާ ބެހޭ ގޮތުން ނުރުހުން ފާޅުކޮށްފައި ކަމަށް ސީބީއައި އިން ބުންޏެވެ.

"ދައުވާތަކުގައި އަޅުގަނޑުމެން ފާހަގަކޮށްފައި ވާނެ އިންދިރާނީ އާއި ޕީޓާ ވަނީ ޝީނާއާއި ރާހުލް ދުރުކުރަން 2009އަކުން ފެށިގެން މަސައްކަތް ކުރަން ފަށާފަ ކަމަށް. އަދި އެކަން ކާމިޔާބުނުވުމުން ދެމީހުން ޝީނާ މަރާލަން ރޭވީ ކަމަށް،" ސީބީއައިގެ އޮފިޝަލަކު ވިދާޅުވި އެވެ.

ޕީޓާއާ ދެކޮޅަށް ކޮށްފައިވާ ދައުވާގެ ތަފްސީލުގައި 24 އޭޕްރީލް 2012 [ޝީނާ މަރާލި ދުވަހު]ގެ ދަންވަރު ގަޑީގައި އިންދިރާނީ އާއި ޕީޓާ ފޯނުން ވާހަކަ ދައްކާ މެސެޖްކޮށްފައިވާ ކަން ފޯން ރިކޯޑުން އެނގޭ ކަމަށް ބުނެފައިވެ އެވެ. އޭރު ޕީޓާ ހުރި އިނގިރޭސިވިލާތުގަ އެވެ. އަދި އިންދިރާނީ ހުރީ އިންޑިއާގަ އެވެ.

މިހާތަނަށް ތަހުގީގަށް އެނގިފައިވާ ގޮތުގައި ޝީނާ މަރާލާފައި ވަނީ ނޭވާ ހާސްކޮށްގެންނެވެ. އަދި އޭނާގެ ހަށިގަނޑު އަންދާލުމަށް ފަހު ވަނީ މަހާރަޝްތްރާ ސްޓޭޓްގެ ރައިގަޅު ޑިސްޓްރިކްޓުގެ ޖަންގައްޔެއްގެ ތެރެއަށް އެއްލާލަފަ އެވެ. ޝީނާގެ ހަށިގަނޑު ހޯދުމަށް ފަހު ޑީއެންއޭ ޓެސްޓު ހެދުމުން އެއީ ޝީނާގެ ކަށިކަން ސާބިތުވި އެވެ.

މީޑިއާއާ ވާހަކަ ދައްކަމުން ޕީޓާ ވަނީ އޭނާއާ ޝީނާގެ މަރާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ބުނެފަ އެވެ. (ނޫސްއޭޖެންސީތައް)