ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގަވައިދާ ހިލާފު ކަމެއް ކޮށްފައި ނުވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

އެމްއެމްޕީއާރްސީގެ 1.2 ބިލިއަން ރުފިޔާގެ ކޮރަޕްޝަންގެ މައްސަލައެއް ފެންމަތިވެ ބޭންކުތަކުގެ އިހުމާލެއްވޭތޯ އެމްއެމްއޭ އިން ބަލަމުންދާ ދުވަސްވަރެއްގައި ބީއެމްއެލްގެ މުވައްޒަފުންނަށް ފޮނުވި މެސެޖެއްގައި އެ ކުންފުނީގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވެފައި ވަނީ އެ ބޭންކުން ގަވައިދާ ހިލާފަށް ކަމެއް ކޮށްފައިނުވާނެ ކަމަށާއި އެ ބޭންކުން މަސައްކަތް ކުރަނީ މި ގައުމުގެ ކުރިއެރުމަށާއި ބޭންކަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށެވެ.

"އަޅުގަނޑު 100 ޕަސެންޓް ޔަގީންކަން ދެން ބޭންކުން އެފަދަ އެއްވެސް ކަމެއްގައި ބައިވެރިވެފައިނުވާނެ ކަން، އެފަދަ ކަމެއް ހިނގިޔަ ވެސް ނުދޭނެ ކަމުގެ. މި ގައުމަށް އިންވެސްޓްމަންޓް އަންނަން މަރުހަބާ ކިޔަން." އެންޑުރޫގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.

ގިނަ އަދަދެއްގެ ފައިސާ ރާއްޖެ އަށް އެތެރެކުރުމުގައި ބީއެމްއެލުން ބައިވެރިވެފައިވާ ކަމަށް ފެތުރިފައިވާ ވާހަކަތައް އެންޑުރޫ ވަނީ ދޮގު ކުރައްވައިފަ އެވެ.

އެމްއެމްޕީއާރުސީގެ އޮޑިޓް ރިޕޯޓުގައި ވިޔަފާރި ބޭންކުތަކުގެ އޮޕަރޭޝަނަލް ކަންތައްތަކާ ގުޅޭ ގޮތުން ފާހަގަކުރައްވާފައިވާ މައްސަލަތައް ބައްލަވައި ގާނޫނާ ހިލާފުވެފައިވާ ބޭންކެއްވާ ނަމަ އެބޭންކަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް މަރުކަރީ ބޭންކް އެމްއެމްއޭ އިން ވަނީ ބުނެފަ އެވެ.

އެމްއެމްޕީއާރުސީގެ އެކައުންޓަށް ޖަމާކުރަން ޖެހޭ ގާތްތަނޑަކަށް 65 މިލިއަން ޑޮލަރު ހިމެނޭ 60 އަށް ވުރެ ގިނަޗެކްތައް އެ ކުންފުނިން ބޭންކަށް ފޮނުވާފައިވާ ބޯޑް ރިޒޮލިއުޝަނާ ހިލާފަށް އެ ކުންފުނީގެ ދެމުވައްޒަފުން ސޮއިކުރުމުގެ ބަދަލުގައި އެންމެ މީހެއްގެ ސޮޔާ އެކު އެކިފަހަރު މަތިން އަމިއްލަ ކުންފުނިތަކެއްގެ އެކައުންޓަށް ޖަމާކޮށްދީފައި ވާތީ، އެކަން ހިނގާފައިވާ ގޮތް ތަހުގީގުކޮށް އެކަމުގައި އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅުއެޅުމަށް އޮޑިޓް ރިޕޯޓުގައި އަންގަވާފައިވެއެވެ އެވެ.