ޔުކްރޭންގެ ކުރީގެ އެއްވަނަ ފުޓްބޯޅަ ކުޅުންތެރިޔާ އަންދުރޭ ޝެވްޗެންކޯ އެގައުމުގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ހަމަޖައްސައިފިއެވެ.

ޗެލްސީއާއި އޭސީ މިލާނަށް ކުރިން ކުޅެފައިވާ ޝެވްޗެންކޯ އެސިސްޓެންޓް ކޯޗަކަށް ހަމަޖައްސާފައިފައިވަނީ މިހާރުގެ އެސިސްޓެންޓް ކޯޗް އެލެގްޒެންޑާ ޒަގްރޯވްގެ ބަދަލުގައެވެ.

ޝެވްޗެންކޯ ވަނީ ކޯޗިން ދާއިރާއިން ޔޫއެފާ ޔޫރޯ ޕްރޯ ލައިސެންސްގެ ދެ އަހަރުގެ ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ އެވޯޑް 2004 ވަނަ އަހަރު ހޯދާފައިވާ ޝެވްޗެންކޯއަކީ ޔޫކްރޭންގެ ފުޓްބޯޅައިގެ ތާރީޚްގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖައިދިން ކުޅުންތެރިޔާއެވެ. އޭނާ ވަނީ އެޓީމަށް 48 ގޯލް ކާމިޔާބުކޮށްދީފައެވެ.

ނޫސްވެރިންނަށް ޝެވްޗެންކޯ ތާރަފްކޮށްދެމުން ޔޫކްރޭންގެ ހެޑް ކޯޗް މައިހާލޯ ފެމިންކޯ ބުނީ ކުރީގެ އެސިސްޓެންޓް ކޯޗު ޒަގްރޯވްގެ އެއްބަސްވުން އާކުރަން ޔޫކްރޭންގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމާފައި ނުވާ ކަމަށެވެ. އެގޮތަށް ނިންމީ ޝެވެޗެންކޯ ޓީމަށް ގެންނަން ބޭނުންވާތީ ކަމަށް ފެމިންކޯ ބުންޏެވެ.

ޝެވްޗެންކޯ ބުނީ ފުޓްބޯޅަ ކުޅުން ހުއްޓާލި ފަހުން މިވީ ހަތަރު އަހަރު ތެރޭގައި ކޯޗިން ދާއިރާއަށް އައުމަށްޓަކައި އޭނާ ގިނަ ކަންތައްތަކެއް ފުރިހަމަ ކޮށްފައިވާ ކަމަށެވެ.

އަދި ކާލޯ އެންޗަލޯޓީއާއި ހޯސޭ މޮރީނިއޯ ފަދަ ކޯޗުންނާއެކު މަސައްކަތް ކުރެވުމުން އޭނާއަށް ގިނަ ތަޖުރިބާ ތަކެއް ލިބިފައިވާ ކަމަށާއި އަދި ފުޓްބޯޅައިގެ ކޯޗިން ކޯސްތަކުން އޭނާއަށް ލިބިފައިވާ ހިޔާލުތައް ބޭނުންވާ ގޮތަށް ބައްޓަން ކުރަން އެނގިގެން ދިޔަކަމަށެވެ.