ހައިކޯޓަށް އެންމެ ފަހުން ނެގި ފަނޑިޔާރުންނަކީ ދުނިޔޭގައި ތިބި އެންމެ ކޮރަޕްޓު ފަނޑިޔާރުން ކަމަށް ދޭހަވާ ގޮތަށް ވާހަކަފުޅު ދެއްކެވި ކަމަށް ތުހުމަތު ކުރެވޭ ގާޒީއެއްގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ.

އެކަމާ ގުޅިގެން ޖޭއެސްސީން ބަލަމުން އަންނަނީ ފެމެލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދުގެ މައްސަލައެކެވެ. އެ މައްސަލަ ބަލަނީ ސުލޫކީ މައްސަލައެއްގެ ގޮތުގައެވެ.

އެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅީ ކާކު ކަމެއް ނޭނގެއެވެ. އެ މައްސަލަ އަކީ ފެމެލީ ކޯޓުގެ ސީނިއާ މެނޭޖްމަންޓާއެކު ބޭއްވި ބައްދަލުވުމެއްގައި، ހައިކޯޓަށް އެންމެ ފަހުން ނެގި ފަނޑިޔާރުންނަކީ ދުނިޔޭގައި ތިބި އެންމެ ކޮރަޕްޓު ފަނޑިޔާރުން ކަމާއި، އެމީހުން އެ ހުރިހާ ކަމެއް ކުރަނީ ހިޔާބޮޑު ގަހެއްގެ ދަށުގައި ތިބެގެން ކަމަށް ދޭހަވާގޮތަށް ހަސަން ސައީދު ވާހަކަފުޅުދެއްކެވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.

އެ މައްސަލައާ ގުޅިގެން މިމަހުގެ 21 ވަނަ ދުވަހު ޖޭއެސްސީއަށް ހާޒިރުވެވަޑައިގަތުމަށް އެ ކޮމިޝަންގެ މެމްބަރު އަބްދުލް ހަންނާން އަހްމަދު ސޮއިކުރައްވައި ފޮނުވި ލިޔުމެއްގައި ހަސަން ސައީދަށް ވަނީ އަންގާފަ އެވެ.