17 Feb 2016, 13:25
ޓްރަރިޒަމްގެ ކުށް ސާބިތުވެ ޝެއިހް އިމްރާން އަބްދުﷲ 12 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރިޔަސް، އަދާލަތު ޕާޓީގެ ރައީސްގެ މަގާމު އެމަނިކުފާނަށް ނުގެންލޭ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް މިދިޔަ އަހަރު ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ ޖިނާއީ ހުކުމް ތަންފީޒުކުރަމުންދާ މީހުންނަށް ސިޔާސީ ޕާޓީގެ ލީޑާޝިޕްގައި ހަރަކާތްތެރި ނުވެވޭނެ ކަމަށެވެ. ގާނޫނަށް ގެނައި އެ އިސްލާހު މެއި 5، 2015 ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވީ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ރައީސްކަމުން ދުރުކުރުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރި އެވެ. އަދި އެމްޑީޕީން ބުނެފައި ވަނީ ނަޝީދަށް އެމްޑީޕީގެ ރައީސްކަން ނުގެއްލޭ ކަމަށެވެ.
އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު "ސަން"އަށް މިއަދު ވިދާޅުވީ ގާނޫނުގައި އެހެން އޮތް ނަމަވެސް އަދާލަތު ޕާޓީގެ ރައީސަކީ އެ ޕާޓީގެ މެމްބަރުން ގަބޫލުކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި އެ ބޭފުޅަކީ ޝެއިހް އިމްރާން ކަމަށާއި ޖަލަށް ލުމަށް ހުކުމް ކުރެއްވި ނަމަވެސް އެ މަގާމު ޝެއިހް އިމްރާނަށް ނުގެއްލޭނެ ކަމަށް ޒާހިރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޕާޓީ އަދާލަތު ޕާޓީއަކުން ނޫޅެން އެހެން ބޭފުޅަކަށް ޕާޓީގެ ރައީސްކަން ދޭކަށް ވެސް. އަޅުގަނޑުމެން ޕާޓީގެ ރައީސަކީ އަދިވެސް ޝެއިހް އިމްރާން. އެއީ އަޅުގަނޑުމެން ޕާޓީގެ މެމްބަރުން ހޮވާފައި ހުންނެވި ބޭފުޅެއް. އެހެންވީމަ ޕާޓީގެ ރައީސަކަށް އަދިވެސް ޝެއިހް އިމްރާން،" އަލީ ޒާހިރު ވިދާޅުވި އެވެ.
ޕާޓީގެ ރައީސްކަން ގެއްލޭ ގޮތަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހު ގެނެސްފައިވީ ނަމަވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި އެ މީހަކަށް ދެމި ހުރެވޭނެ އެވެ.
އެ ގާނޫނުގައި ބުނެފައި ވަނީ ގައިދީންނަށް ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކަށް އާއްމު މެމްބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ހުކުމް ތަންފީޒު ކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ ވަގުތުތަކުގައި ލިބިގެން ނުވާ ކަމަށެވެ.