މަދިރީގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށްވާ ޒިކާ ވައިރަސް ރާއްޖޭގައި ފެތުރިފައިވޭތޯ ބެލުމަށް އާންމު ރައްޔިތުންގެ ހަށިގަނޑުން ސާމްޕަލް ނެގުމުގެ މަސައްކަތް ދެ ދުވަހެއްގެ ތެރޭގައި ފެށިގެންދާނެ ކަމަށް ހެލްތު މިނިސްޓަރީން ބުނެފި އެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން "ސަން"އަށް މިއަދު ވިދާޅުވީ ސާމްޕަލްތައް ނަގަން މިހާތަނަށް ނުފެށިފައި ވަނީ އެކަމަށް ރާއްޖެއިން ބޭރުން ގެންނަން ޖެހޭތަކެތި ނުލިބޭތީ ކަމަށާއި އަމާޒަކީ ކުރިއަށް އޮތް ދެ ދުވަސް ތެރޭ ސާމްޕަލް ނަގަން ފެށުން ކަމަށެވެ.

"އެޗްޕީއޭއިން ބޭނުން ވަނީ މިހަފްތާގެ ތެރޭގައި ސާންޕަލް ފޮނުވަން، އުންމީދުކޮށްގެން މިހުންނަނީ މިހަފްތާގެ ތެރޭގައި ސާމްޕަލް ނެގުން،" ތަސްލީމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސާމްޕަލް ނަގަން ވިސްނާފައި ވަނީ ހުސްވި އަހަރު ޑެންގީ އެންމެ ގަދަޔަށް ފެތުރިފައިވާ ސަރަހައްދުތަކުން ކަމަށެވެ. އެއީ ކޮން ސަރަހައްދުތަކެއްތޯ ސުވާލު ކުރުމުން ތަފްސީލެއް ނުދެއްވަ އެވެ.

ސާމްޕަލް ނަގަނީ ތިރީގައި މިވާ އަލާމާތްތައް ފެންނަ މީހުންގެ ގައިން:

  • އާދައިގެ ހުމެއް ހުރުން،

  • އާންމުކޮށް ލޯރަތްވުން،
  • ގައިގައި ރަތް ބިހިނެގުން

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހެޑްއޮފް ސަވައިލެންސް އިބްރާހިމް ނިޝާން އަހުމަދު ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަކި އަލާމާތްތަކެއް ފެންނަ ފަރާތްތަކުގެ ސާމްޕަލް ނަގައި ޒިކާ ވައިރަސްތޯ ޓެސްޓުކުރުމަށް ބެންކޮކަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ޒިކާ ވައިރަސް ފެނިފައި ނުވާ ކަމަށް ވެސް ނިޝާން ވިދާޅުވި އެވެ.

ޒިކާ ވައިރަސްއަކީ ޑެންގީ އާއި އެއް އާލައިލާއެއްގެ ވައިރަސްއެކެވެ. އެ ބަލީގެ އަލާމާތްތައް ޑެންގީގައި ފެންނަ ފަދައިން ހުން އައުމާއި ގައިގައި ރިއްސުމާއި ހަމުގައި ރަތް ކުލައިގެ ބިހިތައް ނެގުމާއި ލޯ ރަތްވުމާއި ހުޅުހުޅުގަޔާއި ބޮލުގައި ރިއްސުން ހިމެނެ އެވެ. ޑެންގީ ބަލީގައި ހުން ގަދަވުމާއި ވަރު ދެރަވުމާއި އެޑްމިޓް ކުރަން ޖެހޭ މިންވަރު މިބަލީގައި ދަށް ކަމަށް އެޗްޕީއޭއިން މައުލޫމާތުދެ އެވެ. އެ ބައްޔަށް ހާއްސަ ފަރުވާއެއް އަދި ރައްކާތެރިވުމަށް ވެކްސިނެއް މިހާތަނަށް ހޯދިފައި ނުވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މަދިރިން ޖެހޭ ބަލިތަކުން ސަލާމަތް ވުމަށްޓަކައި މަދިރި އާލާވާ ތަންތަން ނައްތާލުމާއި މަދިރި ހެފުމުން ރައްކާތެރިވުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން ލަފާދެ އެވެ.