17 Feb 2016, 12:35
މުޒާހަރާއެއްގައި ދެއްކި ވާހަކައަކާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 12 އަހަރަށް ޖަލަށް ހުކުމް ހުކުމްކޮށްފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިނިވަން ކުރުމަށް އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ނުޖެހި މަސައްކަތް ކުރަމުން ގެންދަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އިމްރާން މިނިވަން ކުރުމަށް ހިތްވަރާއެކު ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދަވާނެ ކަމަށެވެ.
Sheikh Imran minivan kurumah enme fiyavalheves fahathah nujehi, hiyvaraaeku kureven huri hurihaa masakatheh alhugandumen kuramun gendhaanan.
— Mohamed Nasheed (@MohamedNasheed)February 17, 2016
އިމްރާން 12 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އަނިޔާވެރި ކަމަށް ހިތްވަރު ލިބޭ ގޮތަށް އިމްރާން ވާހަކަ ދެއްކި ކަމާއި އަދި އެ ދުވަހު ހިނގި ހުރިހާ ހަމަނުޖެހުމެއް ހިނގީ އިމްރާން އެގޮތަށް ވާހަކަ ދެއްކެވި ކަމުން ކަމަށް ޝަރީއަތަށް ގަބޫލުކުރެވޭތީ ކަމަށް ކްރިމިނަލް ކޯޓުން ރޭ އިއްވި ހުކުމްގައިވެ އެވެ.
ނަޝީދު ވިދާޅުވީ އިމްރާނުގެ ޝަރީއަތަކީ ރައީސް އަބްދުﷲ ޔާމީންގެ ނުފޫޒު އިންތިހާއަށް ވަދެފައިވާ، އިންސާފުގެ ޒައްރެއްގެ މިންވަރު ވެސް ނެތް ޝަރީއަތެއް ކަމަށެވެ.
Sheikh Imran Abdulla ge shareeathakee Raees Yameen ge nufoozu inthihaa ah vadhe faivaa insaafuge zahreh ge minvaru ves neiy shareeatheh.
— Mohamed Nasheed (@MohamedNasheed)February 17, 2016
އެމްޑީޕީން ވެސް ވަނީ އެއީ އެއްވެސް އަސާސެއް ނެތް ދައުވާއެއް އިމްރާނުގެ މައްޗަށް އުފުލުމަށް ފަހު، އިސްލާމީ ޝަރީއަތުގެ އެންމެހާ އުސޫލުތަކާއި، ރާއްޖޭގެ ގާނޫން އަސާސީ އާއި ގާނޫންތަކާއި ބައިނަލްއަގުވާމީ އެންމެހައި މިންގަނޑުތަކާ ކަނޑައެޅިގެން ހިލާފަށް އިއްވާފައިވާ ހުކުމެއް ކަމަށް ބުނެފަ އެވެ.
އެމްޑީޕީ އިން ބުނީ އިމްރާނުގެ މައްޗަށް އެފަދަ ހުކުމެއް ކޮށްފައި ވަނީ ސަރުކާރާ އިނދިކޮޅު ފަރާތްތައް ނައްތާލައި އަދި ބިރުދެއްކުމުގެ ގޮތުން ކަމަށެވެ. ނަމަވެސް އަނިޔާވެރިކަމާ ދެކޮޅަށް އެ ޕާޓީން ކުރަމުން އަންނަ މަސައްކަތް ހުއްޓާނުލާނެ ކަމަށް ވެސް އެ ޕާޓީގެ ބަޔާނުގައިވެ އެވެ.