17 Feb 2016, 12:44
ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޓެކުހާ ގުޅޭ މައުލޫމާތުތައް ފޯރުކޮށްދިނުމުގެ ފޯރަމެއް މިއަދު ބާއްވައިފި އެވެ.
އެ ފޯރަމަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން އިސްނަގައިގެން، މީރާގެ ޓެކުހުގެ ކަންކަން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާމަކޮށް ސާފުކޮށްދިނުމަށް ބޭއްވި ފޯރަމެކެވެ. އެ ފޯރަމަކީ އަމިއްލަ އެންޖީއޯ އަކުން އިސްނަގައިގެން މީރާއާ ގުޅިގެން ބޭއްވި އެފަދަ ފުރަތަމަ ފޯރަމް އެވެ.
މަޓާޓޯގެ ސެކެޓްރީ ޖެނެރަލް، އިބްރާހިމް މުނާޒު "ސަން" އަށް ވިދާޅުވީ، ގެސްޓްހައުސްތަކާއި ބައެއް ޓްރެވަލް އެޖެންސީތަކަށް އަދި ރިސޯޓްތަކަށް ވެސް ޓެކުހާ ގުޅޭ މައުލޫމާތުތައް އެންމެ ރަނގަޅަށް އަދި ވެސް އޮޅުން ނުފިލާ ކަމަށެވެ. އެހެންކަމުން އެފަދަ ފޯރަމެއް ބޭއްވުމުގެ ބޭނުމަކީ އެފަދަ ފަރާތްތަކަށް އޮޅިފައިވާ މައުލޫމާތެއް ނަމަ ސާފުކޮށްދިނުން ކަމަށް މުނާޒް ވިދާޅުވި އެވެ.
"ޝަކުވާ ހުށަހަޅާނެ ބައެއް ފަރާތްތަކުން އަޅުގަނޑުމެންނަށް [މަޓާޓޯ އަށް]. އެހެންވީމާ އެފަދަ ފަރާތްތަކަށް ޓެކުހާ ގުޅޭ ހުރިހާ މައުލޫމާތެއް ފޯރުކޮށްދީ އޮޅުން އަރާކަމެއް އޮތް ނަމަ އެކަމެއް އޮތްގޮތް ސާފުކޮށްދިނުން މީގެ ބޭނުމަކީ،" މުނާޒް ވިދާޅުވި އެވެ.
މިއަދު ބޭއްވި ފޯރަމްގައި މަޓާޓޯގެ ރައީސް އިބްރާހިމް ގިޔާސް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަކީ މީރާ އަށް ލިބޭ އާމްދަނީގެ ބޮޑު ހިއްސާއެއް އޮންނަ ބައެކެވެ. އެގޮތުން މީރާ އަށް ލިބޭ އާމްދަނީގެ ގާތްގަނޑަކަށް 75 ޕަސެންޓް ލިބެނީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުންނެވެ.