ތ. ވިލުފުށީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ނިންމާލެވޭނެ ކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން ބުނެފި އެވެ.

އެމްއާރްޑީސީގެ ވިލުފުށީ ސައިޓް މެނޭޖަރު މުހައްމަދު ނާއިލް "ސަން"އަށް އިއްޔެ ވިދާޅުވީ، ވިލުފުށީގައި އެންމެ ފުރަތަމަ ތާރު އެޅުމަށް ސަރުކާރުން ހަވާލުކޮށްފައި ވަނީ ނުވަ މަގެއްގައި ކަމަށެވެ. އަދި އެ ނުވަ މަގުގައި ތާރު އެޅުމުގެ މަސައްކަތް އެއްކޮށް ނިންމާލައިފައިވާ ކަމަށް ވެސް ނާއިލް ވިދާޅުވި އެވެ.

"މިހާރު ކުރިއަށް ދަނީ ޕޭމެންޓް ހެދުމުގެ މަސައްކަތް. އަޅުގަނޑުމެންގެ ޓާގެޓަކީ މި މަސް ނިމުމުގެ ކުރިން މަސައްކަތް އެއްކޮށް ނިންމާލުން. އެއީ ޕޭމެންޓުގެ މަސައްކަތްތަކާ އެކީ. ދެން ކުރެހުމުގެ މަސައްކަތުގެ 90 ޕަސެންޓުގެ މަސައްކަތް މިހާރު ވަނީ ނިމިފައި،" ނާއިލް ވިދާޅުވި އެވެ.

ވިލުފުށީ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ--

ވިލުފުށި ނުވަ މަގެއްގައި ތާރު އެޅުމުގެ މަސައްކަތް އެމްއާރްޑީސީއާ ހަވާލުކޮށްފައި ވަނީ 60 މިލިއަން ރުފިޔާ އަށެވެ. ނަމަވެސް އޭގެ ފަހުން ސަރުކާރުން ވަނީ ވިލުފުށި އިތުރު ތިން މަގެއްގައި ތާރު އެޅުމަށް ހަވާލުކޮށްފަ އެވެ.

ނާއިލް ވިދާޅުވީ އެ ތިން މަގުގައި ވެސް ތާރު އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އެ ތިން މަގުގެ މަސައްކަތް ވެސް މިއަދު ނިންމާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވިލުފުށި މަގުތަކުގައި ތާރު އަޅައި ނިންމާ މި ލެވުނީ ޓާގެޓު ކުރި ދުވަހަށް ވުރެ ވެސް އަވަހަށް. ހަމަ ވަރަށް ބާރު ސްޕީޑެއްގައި މަސައްކަތް ނިންމާލަން އަޅުގަނޑުމެން މި އަންނަނީ މަސައްކަތް ކުރަމުން،" ނާއިލް ވިދާޅުވި އެވެ.

ވިލުފުށީ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ--

ވިލުފުށީ 4.22 ކިލޯ މީޓަރުގެ މަގު ހެދުމުގެ މަސައްކަތް، އޮގަސްޓް 5، 2013، އިފްތިތާހުކޮށްދެއްވީ އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. އެ މަސައްކަތް އެމްއާރްޑީސީއާ ހަވާލު ކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް އެ މަސައްކަތްތައް ފުރިހަމަ ކުރުމަށް ދެ އަހަރަށް ވުރެ ދިގު މުއްދަތެއް ވަނީ ހޭދަވެފަ އެވެ.

މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ގއ. ވިލިގިނލީގައި ހަ ކިލޯ މީޓަރުގެ މަގާއި ގދ. ތިނަދޫގައި އަށް ކިލޯ މީޓަރުގެ މަގާއި ދ. ކުޑަހުވަދޫގައި ހަ ކިލޯ މީޓަރުގެ މަގާއި ހއ. ދިއްދޫގައި ހަތަރު ކިލޯ މީޓަރުގެ މަގު ހެދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.