ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޭސްފަރުވާއަށް ދިން މުއްދަތަށް އިތުރު ދެ މަސް ދުވަސް އިތުރުކޮށްދެއްވުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން އެދިވަޑައިގެންފި އެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިސަރު ހަސަން އަލީ މިއަދު "ސަން" އަށް ވިދާޅުވީ މިދިޔަ ހޯމަ ދުވަހު ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި އެމަނިކުފާނުގެ ފަރާތްޕުޅުން ސިޓީއެއް ލިބިފައިވާ ކަމަށެވެ.

އެ ސިޓީގައި ފަރުވާގެ މުއްދަތު އިތުރުކުރަން ބޭނުން ވަނީ އިތުރު 60 ދުވަހަށް ކަމަށް ވިދާޅުވެފައިވާ ކަމަށާއި އިނގިރޭސިވިލާތުން ރައީސް ނަޝީދަށް ދެއްވާފައިވާ މެޑިކަލް ރިޕޯޓްތަކެއް ސިޓީއާ އެކު ހުށަހަޅާފައިވާ ކަމަށް ކަރެކްޝަނުން ބުނެ އެވެ.

އޮފިސަރު ވިދާޅުވީ ސިޓީއާ ގުޅިގެން ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށާއި ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށެވެ.

ފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް ނަޝީދު އެދިވަޑައިގެންފައި މިވަަނީ މިދިޔަ އާދިއްތަ ދުވަހުގެ ކުރިން ނަޝީދުގެ ބޭސްފަރުވާ ގޮސްފައިވާ ހިސާބު ކަރެކްޝަނާ ހިއްސާ ކުރެއްވުމަށް އެދި ނަޝީދުގެ ބައްޕާފުޅަށް ކަރެކްޝަނުން ސިޓީއެއް ފޮނުއްވާފައި ވަނިކޮށެވެ.

ކަރެކްޝަން އިން ބުނީ ނަޝީދުގެ ފަރުވާގެ ކަންކަން ގޮސްފައިވާ ހިސާބު އަދި ހިއްސާކޮށްފައި ނުވާކަމަށެވެ.

ބޭސްފަރުވާއަށް ރައީސް ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގަތީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. ބޭސްފަރުވާއަށް އެމަނިކުފާނަށް ވަޑައިގަތީ 30 ދުވަހުގެ މުއްދަށެވެ. ނަމަވެސް ނަޝީދު އެދިވަޑައިގެންފި ނަމަ އެ މުއްދަތު 45 ދުވަހާ ހަމައަށް އިތުރުކޮށްދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.