17 Feb 2016, 11:03
ފުލުހުންގެ ދައުރު އަދާކުރުމަށް ދަތި ކުރުމުގެ ދައުވާ އަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް އިންކާރު ކުރައްވައިފިއެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ އަށް ޖަވާބުދާރީވަމުން މަހުލޫފް ވިދާޅުވީ އޭނާ އަކީ ފިލަން މަސައްކަތް ކުރާނެ މީހެއް ނޫން ކަމަށާއި އެކަން ސާބިތުކޮށްދެއްވަން ބޭނުންވާ ކަމަށެވެ.
މަހުލޫފްގެ ގާނޫނީ ވަކީލު އަބްދުﷲ ހަސީން ވަނީ މަހުލޫފް ފިލަން މަސައްކަތް ނުކުރާކަން ސާބިތުކުރަން ހެކި ހުށަހެޅުމުގެ ފުރުސަތަކަށް އެދިވަޑައިގެންފައެވެ.
ގާޒީ އިބްރާހީމް އަލީ މިއަދުގެ ޝަރީއަތުގެ އަޑުއެހުން ނިންމާލެއްވީ ހެކި ހުށަހެޅުމަށް ފުރުސަތު ދެއްވުމަށްފަހު އެވެ.
މަހުލޫފްގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި ބަންދާމެދު ގޮތެއް ނިންމުމަށްފަހު މިދިޔަ އޭޕްރީލް މަހުގެ ތިން ވަނަ ދުވަހުގެ ރޭ 7:00 އެހައިކަންހާއިރު ފުލުހުންގެ ވެހިކަލަށް އެރުމަށް ތަކުރާރުކޮށް އެންގުމުން އެކަމަށް ދެކޮޅު ހަދައި ފިލަން އުޅެފައިވާތީ ކަމަށް ދައުވާގައި ވެއެވެ.