ގއ. ކަނޑުހުޅުދޫގައި ކަރަންޓު ދެމުން ދަނިކޮށް އިންޖީނުގޭ ޖަނެރޭޓަރެއްގައި އަލިފާން ރޯވެއްޖެ އެވެ.

ކަނޑުހުޅުދޫ ކައުންސިލްގެ މެމްބަރަކު މިއަދު ސަން އަށް ވިދާޅުވީ އެ ރަށަށް ކަރަންޓު ދެމުން އަންނަ 80 ކިލޯ ވޮޓުގެ ޖަނެރޭޓަރުގައި އަލިފާންރޯވީ ރޭ މެންދަމު 3:20 އެހައިކަންހާއިރު ކަމަށެވެ.

އޭނާ ވިދާޅުވީ އެ ޖަނެރޭޓަރު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާތީ އިންޖީނުގޭގައި ހުރި ދެވަނަ ޖަނެރޭޓަރުން 3:45 އެހައިކަންހާއިރު މުޅި ރަށަށް ކަރަންޓުދީފައިވާ ކަމަށެވެ.

"މިހާރު ކަރަންޓު ދެމުންދަނީ 128 ކިލޯ ވޮޓުގެ ޖަނެރޭޓަރަކުން. އެ ޖަނެރޭޓަރު އެކަނި މިހާރު ހުރީ. އޯވާލޯޑު ވެއްޖެއްޔާ މުޅި ރަށުން ކަރަންޓު ކެނޑޭނެ،" ކައުންސިލަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ޖަނެރޭޓަރުން ކަރަންޓުދޭއިރު އޯވާލޯޑުވާނެ ކަމަށާއި އެކަމުގެ ސަބަބުން މުޅި ރަށުން ކަރަންޓު ކެނޑޭނެ ކަމަށެވެ.

އެ ޖަނެރޭޓަރުގައި އަލިފާން ރޯވީ ކީއްވެގެން ކަމެއް އަދި އެނގިފައިނުވާ ކަމަށާއި ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުން ކަމަށް ކައުންސިލަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ބެލުންތައް ބެލުމަށް ފެނަކަ ކޯޕަރޭޝަންގެ ޚާއްސަ ޓީމެއް މިއަދު އެ ރަށަށް ދިޔުމަށް ނިންމާފައިވާ ކަމަށެވެ.