17 Feb 2016, 11:46
ދޯހާ (ފެބްރުއަރީ 17): އިއްޔެ ގަތަރުގައި ބޭއްވި ބައްދަލުވުމަކަށް ފަހު ސައުދީ އަރަބި އާއާއި ރަޝިއާއާއި ވެނެޒުއޭލާއާއި ގަތަރުން ވަނީ ތެޔޮ އުފައްދާ މިންވަރު ޖެނުއަރީ މަހު އުފެއްފި މިންވަރަށް އުފައްދަމުން ދިޔުމަށް ނިންމާފަ އެވެ. ނަމަވެސް، މީގެ ކުރިން ތެޔޮ އުފައްދާ މިންވަރު ދަށް ނުކުރާނެ ކަމަށް ބުނެފައިވާ ސައުދީ އަރަބިއާ އިން މިހާރު އެފަދަ އެއްބަސްވުމަކަށް އައީ ކީއްވެގެން ހެއްޔެވެ؟
ތެލުގެ އަގު މާބޮޑަށް ދަށްވެ އަވަސް މުސްތަގުބަލެއްގައި އަގު މައްޗަށް ދާނެ ކަމަށް ލަފާނުކުރެވުން
ދެހާސްހަތަރެއްގެ ފަހުން ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 70 ޕަސެންޓަށް ދަށްވެފަ އެވެ. އެއީ 33 ޑޮލަރަށެވެ. އަދި ތެޔޮ އުފައްދާ މިންވަރު ދަށް ނުކޮށްފި ނަމަ ތެޔޮ ފީފާއެއްގެ އަގު 10 ޑޮލަރަށް ވެއްޓިދާނެ ކަމަށް މާހިރުން ލަފާކުރައްވަ އެވެ. މީގެ ކުރިން، ތެލުގެ އަގު އަނެއްކާ ވެސް ބޮޑުވެދާނެ ކަމުގެ އުއްމީދުގައި ސައުދީ އަރަބިއާ އިން ދިޔައީ ތެޔޮ އުފައްދާ މިންވަރު މަދު ނުކުރާނެ ކަމަށް ބުނަމުންނެވެ. ނަމަވެސް، ތެލުގެ އަގު ވަނީ ހީނުކުރާވަރަށް ދަށްވެފަ އެވެ. އަދި އޭގެ ސަބަބުން ސައުދީން ވަނީ ކަންބޮޑުވާން ފަށައިފަ އެވެ.
ސައުދީ އަރަބިއާއަކީ ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމު
އެމެރިކާއަށް ފަހު ސައުދީ އަރަބިއާއަކީ މުޅި ދުނިޔެއިންވެސް އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމެވެ. އެހެންކަމުން، ސައުދީން ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމުން ނުވަތަ މަދުކުރުމުން ދުނިޔޭގެ ތެލުގެ އަގަށް އޭގެ އަސަރު ކުރާނެ އެވެ.
ތެލުގެ އަގު މާބޮޑަށް ދަށްވެއްޖެ ނަމަ ސައުދީ އަރަބިއާ ބަނގުރޫޓުވުމުގެ ބިރު އެބައޮތް
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ތެޔޮ ފީފާއެއްގެ އަގު 50 ޑޮލަރަށް ވެއްޓުމުން ސައުދީގެ އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ވަނީ އެގައުމުން ފައިސާ ހަރަދު ކުރަމުންދާ މިންވަރަށް ހަރަދު ކުރަމުންދާ ނަމަ، ގާތްގަނޑަކަށް ފަސް އަހަރު ތެރޭގައި ގައުމު ބަނގުރޫޓު ވެދާނެ ކަމުގެ އިންޒާރު ދީފަ އެވެ. އޭގެ ފަހުން ސައުދީ ސަރުކާރުން ވަނީ ގައުމުން ހޭދަ ކުރާ މިންވަރު ކުޑަ ކުރުމަށް ބައެއް ސަބްސިޑީތައް ކުޑަކުރުން ފަދަ ފިޔަވަޅުތައް އަޅާފަ އެވެ. ނަމަވެސް، ތެލުގެ އަގު އިތުރަށް ދަށް ވަމުން ދިޔުމުގެ ސަބަބުން ސަރުކާރަށް އޮތް ޕްރެޝަރު ވެސް ވަނީ އިތުރުވެފަ އެވެ.
ސައުދީ އަރަބިއާގެ ހިއްސާގެ ބާޒާރުގެ އަގުތައް ދަށަށް ދިޔުން
ފާއިތުވި އަހަރުތެރޭގައި ދުނިޔޭގެ ގިނަ ގައުމުތަކުގެ ހިއްސާގެ ބާޒާރުގެ އަގުތައް ވަނީ ދަށްވެފަ އެވެ. އެންމެ ބޮޑަށް އަގުދަށްވެފައި ވަނީ ސައުދީ އަރަބިއާގެ ހިއްސާގެ އަގެވެ. ހިއްސާގެ އަގު މަތިކުރަން ބޭނުން ނަމަ ތެލުގެ އަގު އެއްވަރެއްގައި ހިފަހައްޓަން އެބަޖެހެ އެވެ. ނަމަވެސް، ސައުދީން ތެޔޮ އުފެއްދުން އެއްކޮށް މެދުކަނޑާލަން ބޭނުންނުވީ އެވެ.
އެމެރިކާގެ ޝޭލް އޮއިލް އުފައްދާ ފަރާތްތަކަށް ތެލުގެ ބާޒާރުގައި ބޮޑު ހިއްސާއެއް ދޭން ސައުދީން ބޭނުންނުވުން
ދުނިޔޭގެ ތެލުގެ އަގު ދަށްވި މައިގަނޑު އެއް ސަބަބަކީ އެމެރިކާގެ ޝޭލް އޮއިލް އުފައްދާ ފަރާތްތަކުން ދުނިޔޭގެ ބާޒާރުގައި ޑިމާންޑު އޮތް ވަރަށް ވުރެ އިތުރަށް ތެޔޮ ސަޕްލައި ކުރުމެވެ. ތެލުގެ އަގު ދަށްވުމުން، ހާއްސާ އެކްސްޓްރެކްޝަން ޓެކްނޮލޮޖީއަކުން އުފައްދާ ޝޭލް އޮއިލް ވިޔަފާރިތައް ހުއްޓުމަކަށް އަންނާނެ ކަމަށް ސައުދީން އުއްމީދު ކުރެ އެވެ.
ތެލުގެ ބަޒާރުން އީރާނަށް ލިބޭ ފައިދާ ކުޑަކުރަން ސައުދީން ބޭނުންވުން
އީރާނާ ދެކޮޅަށް އަޅާފައި އޮތް ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއެކު އީރާނުން ދަނީ ދުނިޔޭގެ ބާޒާރުގައި އަނެއްކާ ވެސް ތެޔޮ ވިއްކަން ތައްޔާރު ވަމުންނެވެ. ސަރަހައްދީ ގޮތުން ސައުދީ އަރަބިއާއާ އެންމެ ވާދަވެރި ގައުމުކަމަށްވާ އީރާނަށް އެވިޔަފާރިން މާބޮޑު ފައިދާއެއް ލިބުމަށް ސައުދީން ނޭދޭތީ، ސައުދީން ބޭނުންވަނީ ތެލުގެ އަގު ދަށްކޮށް ހުރުމަށެވެ. (އިންޑިޕެންޑެންޓް)