17 Feb 2016, 10:31
އޯޕަން އެއިޓް ބޯލް ބިލިއަޑް ޗެމްޕިއަންޝިޕްގެ ފައިނަލަށް ދުންޔާޒް މުޙައްމަދާއި އަހްސަން ހާޝިމު ދަތުރުކޮށްފި އެވެ.
މި ދެކުޅުންތެރިން ބައްދަލު ކުރާ ފައިނަލް މެޗް އޮންނާނީ މިރޭ އެވެ.
އެމްޕީބީއޭ ކުލަބު ހައުސްގައި ކުރިއަށްދާ މުބާރާތުގެ ފައިނަލަށް ދުންޔާޒު ދަތުރުކުރީ ސެމީ ފައިނަލްގައި އަހްމަދު ޒިޔާންގެ މައްޗަށް ނުވަ ފްރޭމް ތިން ފްރޭމުން ކާމިޔާބު ހޯދައިގެންނެވެ.
އަހްސަން ފައިނަލަށް ދަތުރުކުރީ އެންމެ ފަހުގެ ގައުމީ ޓެންބޯލް މުބާރާތުގެ ޗެމްޕިއަން މުޙައްމަދު ޝަރީފްގެ މައްޗަށް ނުވަ ފްރޭމް ހަތް ފްރޭމުން ކާމިޔާބު ހޯދައިގެންނެވެ.
ދުންޔާޒަކީ އެންމެ ފަހުން ބޭއްވި ގައުމީ ޓެންބޯލް މުބާރާތުގެ ރަނަރަފް އެވެ.
ސެމީ ފައިނަލް މެޗްތަކުގެ ކުރިން ރޭ ވަނީ ކްއާޓް ފައިނަލް މެޗްތައްވެސް ކުޅެފައެވެ. ސެމީއަށް ދުންޔާޒް ދަތުރު ކުރީ ސޮފްވާން ޝާކިރާ ވާދަކޮށް ހަތް ފްރޭމު ތިން ފްރޭމުން ކުރި ހޯދައިގެންނެވެ. ޒިޔާން ސެމީއަށް ދަތުރު ކުރީ ކްއާޓާގައި އިބްރާހިމް ޒިޔާއުގެ މައްޗަށް ހަތް ފްރޭމު އެއް ފްރޭމްގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދައިގެންނެވެ.
އަހްސަން ސެމީއަށް ދަތުރުކުރީ ޝިފާއު ޢަބްދުﷲ ގެ މައްޗަށް ހަތް ފްރޭމް ތިން ފްރޭމުން ކާމިޔާބު ހޯދައިގެންނެވެ. ޝަރީފް ސެމީއަށް ދަތުރުކުރީ ޢަލީ ޝާވިންގެ މައްޗަށް ހަތް ފްރޭމް ދެ ފްރޭމުން ކާމިޔާބު ހޯދައިގެންނެވެ.