ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެންހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރުވާގެ ކަންކަން ގޮސްފައިވާ ހިސާބު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހިއްސާކޮށްފައި ނުވާ ކަމަށް އެ ފަރާތުން ހާމަކޮށްފި އެވެ.

ކަރެކްޝަނުގެ މީޑިއާ އޮފިސަރު ހަސަން އަލީ "ސަން" އަށް މިއަދު ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހުގެ ކުރިން ނަޝީދުގެ ބޭސްފަރުވާ ގޮސްފައިވާ ހިސާބު ކަރެކްޝަނާ ހިއްސާ ކުރެއްވުމަށް އެދި ނަޝީދުގެ ބައްޕާފުޅަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ކަރެކްޝަނާ ނަޝީދު ހިއްސާކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މައްސަލާގައި އަދި އަޅުގަނޑުމެން [ކަރެކްޝަނަލް ސާވިސް] އަދި އަޅާނެ ފިޔަވަޅެއް ނުނިންމަން. ޑިސިޝަނެއް މޭކު ކުރާނީ އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ފަހު،" ހަސަން ވިދާޅުވި އެވެ.

ބޭސްފަރުވާއަށް ރައީސް ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގަތީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. ބޭސްފަރުވާއަށް އެމަނިކުފާނަށް ދީފައި ވަނީ 30 ދުވަހެވެ. ނަމަވެސް އެ މުއްދަތު އިތުރުކޮށްދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި ކަމަކީ އެގައުމުގެ ބޮޑުވަޒީރު ޑޭވިޑު ކެމެރަންއާ ބައްދަލު ކުރެއްވުމެވެ. އޭގެ ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އެކި ޓީވީ ސްޓޭޝަންތަކުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގަތެވެ. އަދި އެއަށް ފަހު ޑޭވިޑު ކެމެރަންގެ ލަފާފުޅުގެމަތިން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް ނަޝީދުގެ އޮފީހުން ވަނީ ބުނެފަ އެވެ.

ކަރެކްޝަނަލް ސާވިސްއާ އެކު އެއްބަސްވެފައިވާ ގޮތުގެމަތިން ހުރިހާ މައުލޫމާތެއް ރައީސް ނަޝީދު އެ ސާވިސް އަށް ހިއްސާކުރައްވާނެ ކަމަށް ނަޝީދުގެ ވަކީލުން ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ސްރީލަންކާގައި ހުންނެވި ތަނުގެ މައުލޫމާތާއި އަދި މިހާރު އިނގިރޭސިވިލާތުގައި ހުންނެވި ތަނުގެ މައުލޫމާތު ވެސް ކަރެކްޝަނަލް ސާވިސްއާ ހިއްސާ ކުރައްވާފައިވާނެ ކަމަށް ވަކީލުން ވިދާޅުވި އެވެ.