ބާލިން (ފެބްރުއަރީ 17) : ވިލާތުގެ ގައުމުތަކުގެ އާބާދީއާ ބަލާއިރު އެގައުމުތަކުން ބަލައިގެންފައި ވަނީ ވަރަށް މަދު އަދަދެއްގެ ރެފިއުޖީން ކަމަށާ ރެފިއުޖީންނަށް އެހީތެރިވާ ކަމަށްބުނެ ޔޫރަޕަށް ފަޚުރުވެރިވެވެން ނެތްކަމަށް ހިޖްރައާ ބެހޭ ބައިނަލްއަގްވާމީ ޖަމްއިއްޔާ އިން ބުނެފި އެވެ.

އެޖަމްއިއްޔާގެ ޑައިރެކްޓަރު ޖެނެރަލް ވިލިޔަމް ލެސީ ސުވިންގް ވިދާޅުވީ ސޫރިޔާގެ ރެފިއުޖީންގެ ބުރަ އެގައުމުގެ އަވަށްޓެރި ލުބްނާން، އުރުދުން އަދި ތުރުކީ ފަދަ ގައުމުތައް ޔޫރަޕަށްވުރެ މާބޮޑަށް އުފުލަމުން ދާކަމަށާ ސޫރިޔާގެ ރެފިއުޖީން މާގިނައިން ބަލައިގަނެފައިވާ ކަމަށްބުނެ ޔޫރަޕަށް ފަޚުރުވެރި ވެވެންނެތް ކަމުގަ އެވެ.
ސުވިންގް ވިދާޅުވީ ޔޫރަޕްގެ އާބާދީ 550 މިލިޔަނަށް ވުރެ މަތިވެފައި ޔޫރަޕް ގެ ގައުމުތަކުގެ މުއްސަނދިކަން ބޮޑުއިރު ވެސް ޔޫރަޕުން ބަލައިގެންފައި ވަނީ އެއް މިލިޔަން ރެފިއުޖީންކަމަށާއި ނަމަވެސް ފަސް މިލިޔަން މީހުންގެ އާބާދީ އެއް އޮންނަ ފަގީރު ގައުމެއް ކަމަށްވާ ލުބްނާނުން ސޫރިޔާގެ މިލިޔަނަކަށް ވުރެ ގިނަ ރެފިއުޖީން ބަލައިގަނެ އެމީހުންނަށް ހިޔާވަހިކަން ދީފައިވާ ކަމުގަ އެވެ. އަދި 75 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ތުރުކީން ވެސް 2.5 މިލިޔަން ސޫރިޔާގެ ރެފިއުޖީންނަށް ހިޔާވަހިކަން ދީފައިވާ ކަމަށާ ހަ މިލިޔަންމީހުންގެ އާބާދީއެއް އޮންނަ ފަގީރު ގައުމެއް ކަމަށްވާ އުރުދުންއިންވެސް ހަތްލައްކައަށް ވުރެ ގިނަ ސޫރިޔާގެ ރެފިއުޖީން ބަލައިގެންފައިވާ ކަމަށް ސުވިންގް ވިދާޅުވި އެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމަ ފެށުމުގައި ވެސް ޔޫރަޕުން ސިޔާސީ ގޮތުން ނުބައި ދައުރެއް އަދާކޮށްފައިވެ އެވެ. މީގެ ތެރޭގައި ސޫރިޔާ ސަރުކާރާ އިދިކޮޅު ޖަމާއަތްތަކަށް ހަތިޔާރު ފޯރުކޮށްދިނުމާއި ސޫރިޔާގެ ވެރިކަން ބަދަލުކޮށްލުމަށް ހިއްވަރު ދީ އިދިކޮޅު ހަނގުރާމަވެރިން އެކަމަށް ނެރުން ހިމެނެ އެވެ. ބާރުގެ ބޭނުންކޮށްގެން ވެރިކަން ވައްޓާލި އެއްވެސް ގައުމަކަށް ހަމަޖެހުން އައިސްފައިނުވާކަން އިރާގާއި ލީބިޔާ އަދި އަފްޣާނިސްތާން ފަދަ ގައުމުތަކަށް ކުރިމަތިވެފައިވާ ހާލަތްތަކުން ވަނީ އެނގި ހާމަވެފަ އެވެ. (ނޫސްއެޖެންސީތައް)