17 Feb 2016, 09:32
ބޮލީވުޑްގެ މަޝްހޫރު ތަރި ރިތިކު ރޯޝަން، ފިލްމު "މޮހެންޖޯ ދާރޯ" އަށް ޝޫޓު ކުރުމުގެ ތެރެއިން ވެއްޓި އޭނާގެ ފަޔަށް ވަނީ ގެއްލުން ތަކެއް ވެފަ އެވެ. އެ ގެއްލުންތަކުގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން އަރާމު ކުރުމަށް ޑޮކްޓަރުން ވަނީ ރިތިކު އަށް ލަފާ ދީފަ އެވެ.
ޑޮކްޓަރުންގެ ލަފަ އާ އެއްގޮތަށް ރިތިކު ވަނީ ގިނަ ދުވަސްތަކެއް ވަންދެން ޝޫޓިންގް އާ ދުރުގައި އަރާމު ކުރުމުގައި ވަގުތު ހޭދަ ކޮށްފަ އެވެ. އެގޮތުން ގިނަ ދުވަސްތަކެއްގެ ބެޑު ރެސްޓަށް ފަހު މިހާރު "ހާލު ރަނގަޅު" ކަމަށް ރިތިކު ވަނީ ދާދިފަހުން ބުނެފަ އެވެ.
"އަހަރެންގެ ހާލު ރަނގަޅު. އެހެންވެސް ވާނެ. އެކަމަކު ވެސް އޯކޭ"، ސޯނަމްގެ ފިލްމު "ނީރްޖާ"ގެ ހާއްސަ ސްކްރީން އެއްގެ ތެރެއިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ރިތިކު ބުންޏެވެ.
"މޮހެންޖޯ ދާރޯ" އަށް ޝޫޓު ކުރުމުގައި ރިތިކު ވަނީ ގިނަ ދުވަސްތަކެއް ހޭދަކޮށްފަ އެވެ. އެގޮތުން އޭނާ ވަނީ މިދިޔަ އަހަރު އެ މަސައްކަތަށް އެއްކޮށް ހުސްކޮށްލައިފަ އެވެ.
ރިތިކު އަށް ލިބުނު އަނިޔާ އާ ގުޅިގެން "މޮހެންޖޯ ދާރޯ" މަސައްކަތް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އެހެންކަމުން އެ ފިލްމު ރިލީސް ކުރާ ޑޭޓު ލަސްވެގެންދާނެ ކަމަށް ބެލެވެ އެވެ.