ޗެންޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި ޗެލްސީގެ މައްޗަށް 1-2ގެ ނަތީޖާ އަކުން ޕީއެސްޖީ ބަލިކޮށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ކުއާޓާ ފައިނަލަށް ދިއުމުގެ އުންމީދު ބޮޑުކޮށްފި އެވެ.

ޕީއެސްޖީ ދަނޑުގައި ކުޅުނު އެމެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއްފެނިގެން ދިޔަ އިރު ޕީއެސްޖީން ވަނީ 39 ވަނަ މިނަޓުގައި އެޓީމަށް ލީޑް ނަގައިދީފަ އެވެ. އެގޯލު ލިބުނު ހިލޭ ޖެހުމަކުން ޕީއެސްޖީ އަށް ކާމިޔާބުކޮށްދިނީ ޒްލަޓަން އިބްރާހިމްވިޗް އެވެ.

ޗެންޕިއަންސް ލީގުގައި ޕީއެސްޖީ އާއި ޗެލްސީ ރޭ ކުޅުނު މެޗުގައި އިބްރާހިމްވިޗް ބޯޅަ ފޮނުވާލަނީ --- ފޮޓޯ: އޭޕީ

ޕީއެސްޖީން ލީޑްގައި އޮވެ ފުރަތަމަ ހާފް ނިންމާލަން ދަނިކޮށް ފުރަތަމަ ހާފްގެ އިތުރުވަގުތުގައި ޗެލްސީގެ ޑިއެގޯ ކޯސްޓާ ތަނަވަސް ކޮށްދިން ފުރުސަތަކުން އެ ގޯލު ކާމިޔާބުކޮށްދިނީ ޖޯން އޮބި މިކޭލް އެވެ.

އެމެޗުން ޕީއެސްޖީ މޮޅުކޮށްދިން ގޯލު ދެވަނަ ހާފްގެ 78 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދެވަނަ ހާފްގައި ކުޅެން އެރި އެޑިންސަން ކަވާނީ އެވެ.

މިސީޒަނުގައި ޗެލްސީގެ ކޯޗުކަމާއި ގޫސް ހިޑިންކް ހަވާލުވި ފަހުން މިއީ އެ ޓީމް ބަލިވި ފުރަތަމަ މެޗުކަން ވެސް ފާހަގަ ކޮށްލެވެ އެވެ.

ޗެންޕިއަންސް ލީގުގައި ޕީއެސްޖީ އާއި ޗެލްސީ ރޭ ކުޅުނު މެޗުގައި ޕީއެސްޖީގެ ތިއާގޯ ސިލްވާ އަތުން ބޯޅަ ހޯދުމަށް ކޯސްޓާ މަސަތްކަތް ކުރަނީ --- ފޮޓޯ: އޭޕީ

މެޗަށް ފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު ގޫސް ހިޑިންކް ބުނީ ރަށުން ބޭރުގައި ގޯލެއް ޖެހުމުން އެއީ ލިބުނު ކާމިޔާބެއް ކަމަށާއި ނަމަވެސް މެޗުން ބަލިވުމުން އެކަމާ ހިތްހަމަ ނުޖެހޭ ކަމަށެވެ.

"މި މެޗުގައި ގޯލެއް ކާމިޔާބު ކުރެވުމުން އެއީ ލިބުނު އެޑުވާންޓޭޖެއް. އެއް ގޯލުގެ ތަފާތުން ބަލިވުމުން ދެވަނަ ލެގްގައި އަމިއަލް ދަނޑުގައި ކުޅޭ މެޗު ތަފާތު ވެގެން ދާނެ. އެ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރު ވާނަން،" ހިޑިންކް ބުންޏެވެ.

މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މާޗު މަހުގެ 9 ވަނަ ދުވަހު ޗެލްސީ ސްޓެމްފޯޑް ބްރިޖުގަ އެވެ.

ޗެންޕިއަންސް ލީގުގައި ރޭ ކުޅުނު ދެވަނަ މެޗުގައި ޕޯޗުގަލްގެ ބެންފީކާ އިން ވަނީ ރަސިއާގެ ޒެނިތްގެ މައްޗަށް 0-1 ގެ ނަތީޖާއިން ކުރިހޯދައިފަ އެވެ.