އެމެރިކަން އެއާލައިންސްގެ ފްލައިޓުތަކުގައި އިންފްލައިޓް ވައިފައި އިންޓަނެޓުގެ ސްޕީޑު ދަށް ވާތީ، އެ އެއާލައިނަށް އެ ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏާ ދެކޮޅަށް ދައުވާ ކުރުމަށް ނިންމައިފި އެވެ.

އެމެރިކަން އެއާލައިންސްއާއި، އެމެރިކާގެ އެހެނިހެން ގިނަ އެއަލައިންތަކަކަށް ވައިފައިގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނި "ގޯގޯ"އާ ދެކޮޅަށް ދައުވާ ކޮށްފައި މި ވަނީ، "ގޯގޯ"ގެ އިންޓަނެޓުގެ ޚިދުމަތަށް ވުރެ ފެންވަރު ރަނގަޅު ކުންފުންޏެއްގެ ޚިދުމަތް ލިބުމުގެ ފުރުސަތު އެމެރިކަން އެއާލައިންސް އަށް ލިބިފައި ވާތީ، އެކަމަށް މަގު ފަހި ކުރުމަށެވެ.

އެމެރިކަން އެއާލައިންސް އިން ކޯޓަށް ހުށަހެޅި މައްސަލަ ކާމިޔާބު ވެއްޖެ ނަމަ، ކޯޓުން ގޯގޯ ކުންފުންޏަށް ރަސްމީ ނޯޓިސްއެއް ހަވާލު ކުރާނެ އެވެ. މި ނޯޓިސްއާ ގުޅިގެން، ގޯގޯ އިން ދެން ޖެހޭނީ އެމެރިކަން އެއާލައިންސް އިން އެ ކުންފުންޏާ އެކު ޚިދުމަތުގައި މަޑު ކުރުވުމަށް މަޝްވަރާ ކުރާށެވެ.

އިންޓަނެޓުގެ މައްސަލައިގައި އެމެރިކަން އެއާލައިންސް އިން މިދިޔަ މަހުގެ ތެރޭގައި ގޯގޯ ކުންފުންޏަށް ނޯޓިސް ދިން ނަމަވެސް، އެއީ ސައްހަ ނޯޓިސްއެއް ނޫން ކަމަށް ގޯގޯ އިން ބުނެފައިވެ އެވެ. މި މައްސަލަ ކޯޓަށް ވެއްދީ މި ސަބަބާ ހުރެ އެވެ.

އެމެރިކަން އެއާލައިންސްގެ އިންފްލައިޓް ވައިފައި ޓެކްނޮލޮޖީގެ ޚިދުމަތް ދިނުމަށް ގޯގޯއާ އެކު އެއްބަސްވެފައިވާ އެއްބަސްވުމުގެ މުއްދަތަކީ 2018 ވަނަ އަހަރާއި ހަމައަށެވެ.

އެމެރިކަން އެއާލައިންސް އިން ބުނާ ގޮތުގައި އެ އެއާލައިނުން މިހާރު ދަނީ، އިން ފްލައިޓު ވައިފައިގެ ޚިދުމަތް ދޭ އެހެން ކުންފުންޏެއް ކަމުގައިވާ ވިއާސެޓްއިން އެމެރިކަން އެއަލައިންސްއަށް ޚިދުމަތް ދިނުމާއި ބެހޭ ގޮތުން މަޝްވަރާ ކުރަމުން ކަމަށެވެ.