ނޮކިއާ އެކްސް ތްރީ ފޯނެއް ވަގަށް ނެގި މީހަކު ތިން މަހާއި 18 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެ ހުކުމް ކޮށްފައި ވަނީ މއ. އާންމުއުފާ، އަބްދުﷲ ސައީދުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން އާދީއްތަ ދުވަހު ކުރި ހުކުމުގައި ވަނީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އަބްދުﷲ ސައީދު މާލެއިން ހޮލިޑޭ އައިލެންޑް ރިޒޯޓު އެންޑް ސްޕާއަށް ދަތުރުކުރި ލޯންޗުގައި އޭނާއާ އެކު ދަތުރުކުރި ހދ. ކުޅުދުއްފުށީ އޯކިޑުމާގޭ ޔާސިރު އިބްރާހީމްގެ ނޮކިއާ އެކްސް ތްރީ ފޯނެއް ސައީދު ވަގަށް ނެގިކަން ސާބިތުވާ ކަމަށެވެ.

އެފޯނު ގެއްލިފައިވަނިކޮށް އެ ރިސޯޓުގައި ސައީދު އުޅޭ ކޮޓަރިތެރޭގައި އޭނާ އެފޯނާ ކުޅެން ހުއްޓައި، ޔާސިރާއި އިތުރު މީހަކަށް ފެނިފައިވާ ކަމަށް އެ ހުކުމްގައި ވެއެވެ.

ސައީދުގެ މައްޗަށް އެ ހުކުމް އިއްވާފައި ވަނީ ގާނޫނުލް އުގޫބާތުގެ 210 ވަނަ މާއްދާގެ (ށ) ގެ ފަސް ވަނަ ނަންބަރާއި އެ ގާނޫނުގެ 1104 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަންބަރާއި ދެވަނަ ނަންބަރުގެ ދަށުންނެވެ.