އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ޢަބުދުﷲ 12 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމާ ގުޅިގެން ސަރުކާރަށް، އުފުލަން އުނދަގޫ ވަރުގެ ތަކުލީފާ ކުރިމަތިވާނެ ކަމަށް އެޕާޓީން ބުނެފިއެވެ.

އެމްޑީޕީގެ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ، އިމްރާނުގެ މައްޗަށް ކުރި ހުކުމާ ގުޅިގެން އެތެރެއާއި ބޭރުން ސަރުކާރަށް ފިއްތުންތައް ކުރިމަތިވާނެ ކަމަށެވެ.

"...މިރޭ މިކުރެވުނު ހުކުމާ ގުޅިގެން މިސަރުކާރަށް އުފުލަން އުނދަގޫ ވަރުގެ ތަކުލީފާ ކުރިމަތިލާން ޖެހޭނެ. އަޅުގަނޑު ވަރަށް ޔަގީންކަމާ އެކީ މިދަންނަވަނީ،" އޭނާ ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ ލީޑަރުން ތިއްބެވީ އިންސާފަށް ޓަކައި ޖަލުގައި މުޅި ހަޔާތް ގުރުބާން ކުރައްވަން ތައްޔާރަށް ކަމަށް ވެސް އަލީ ޒާހިރު ވިދާޅުވިއެވެ.

އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި އޭނާ އަނިޔާވެރިކަމަށް ހިއްވަރުލިބޭ ގޮތަށް ވާހަކަ ދެއްކެވުމުން، އެ ވާހަކަތަކުން ހިތްވަރުލިބިގެން މުޒާހަރާގެ ބައިވެރިން ފުލުހުނަށް ހަމަލާދީ ރައްޔިތުންގެ މުދަލަށް ގެއްލުންދީފައިވާ ކަމަށް ބުނެ އެވެ.

މޭޑޭގެ މުޒާހަރާގައި ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެން ޖޭޕީގެ ނައިބު ލީޑަރު އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީނު އިބުރާހީމް އާއި އެޕާޓީގެ ފޮރިންސް އެންޑް ޕަބްލިކް ރިލޭޝަންސް ސޮބާޙު ރަޝީދުއާ ދެކޮޅަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. އެބޭފުޅުން ފިއްލަވައިގެން ވަޑައިގެން މިހާރު ތިއްބެވީ އިނގިރޭސިވިލާތުގައެވެ.