17 Feb 2016, 00:22
މަކަރާއީ ހީލަތުން އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކުރި މީހަކު އެއް އަހަރާ ހަތް މަސް ދުވަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މއ. ޕިޖަންއޯކިޑު، މުހައްމަދު ހާޝިމް ޖަލަށް ލުމަށް ހުކުމް އިއްވީ، ލިންކް ސާވް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގަމުން ދިޔަ ފަޔާ ކޮންޓްރޯލް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖަރެއްގެ މަގާމުގައި ހުރެ، އެކުންފުންޏަށް ލިބެންވީ ފައިސާތަކެއް މަކަރާއި ހީލަތުން އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާތީއެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ ފަޔާ ކޮންޓްރޯލް ޕްރައިވެޓް ލިމިޓެޑަށް ފައިސާ ލިބޭގޮތަށް ފޯ ސީޒަން ރިޒޯޓް މޯލްޑިވްސް އެޓް ކުޑަހުރާ އިން 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު 13،929.50 ރުފިޔާ ނެގޭގޮތަށް ސްޓޭޓް ބޭންކު އޮފް އިންޑިއާ އިން ދޫކޮށްފައިވާ ޗެކާއި 40،477.50 ރުފިޔާ ނެގޭ ގޮތަށް ދޫކޮށްފައިވާ ޗެކަށް ބަދަލުގެނެސް އޭނާގެ އަމިއްލަ އެކައުންޓަށް އެ ފައިސާ ޖަމާކޮށްފައިވާކަން ދައުލަތުން ހުށަހެޅި ހެކިތަކާއި ގަރީނާތަކުން ސާބިތުވާ ކަމަށެވެ.
އޭނާގެ މައްޗަށް އެ ހުކުމް އިއްވާފައި ވަނީ ގާނޫނުލް އުގޫބާތުގެ 210 ވަނަ މާއްދާގެ (ށ) ގެ ދެވަނަ ނަންބަރާ ހަވާލާދީ އެ ގާނޫނުގެ 1002 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.