ކަސްޓަމްސް ބްރޯކާސް ޓްރެއިނިންގް ކޯހުގައި ބައިވެރިވެ ކޯސް ފުރިހަމަކޮށްގެން 12 ދަރިވަރަކު ދަސްވެނިވެއްޖެ އެވެ.

ކަސްޓަމްސް އިން ބުނީ ކަސްޓަމްސް ބްރޯކަސް ޓްރެއިނިންގް ކޯހަކީ ފަސް މަސް ދުވަހުގެ މުއްދަތަށް ހިންގާ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް ތިނެއްގެ ކޯހެއް ކަމަށެވެ. ކަސްޓަމްސް އެކަޑެމީގައި ހިންގާ އެ ޕްރޮގްރާމްގެ ހަތް ވަނަ ބެޗްގެ ކިޔެވުން މިހިނގާ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ފަށާފައިވާ ކަމަށެވެ.

މިއަދު ކަސްޓަމްސް ބިލްޑިންގުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކުރެއްވީ ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް މުޙައްމަދު ޖުނައިދުއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދެއްކެވި ޖުނައިދު ވިދާޅުވީ ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމެއްކަމުން، އިމްޕޯޓް އެކްސްޕޯޓް މުދާ ކްލިއާކުރުމުގެ މަސައްކަތުގައި ބްރޯކަރުންނަކީ ނުހަނު ބޭނުންތެރި ބައެއް ކަމަށެވެ. ކޯހުގައި ލިބުނު މައުލޫމާތުތަކާއި، ދަސްވި ކަންތައްތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައި، ކަސްޓަމްސްއާއި އިމްޕޯޓަރުންނާ ދެމެދުގައިވާ ގުޅުން ހަރުދަނާކުރުމަށް ޓަކައި މަސައްކަތްކުރެއްވުމަށް އޭނާ ދަރިވަރުންނަށް އިލްތިމާސް ކުރެއްވި އެވެ. މުދާކްލިއާކުރުމުގައި ކަސްޓަމްސްގެ މަރުޙަލާތައް ވީހާވެސް ލުއިފަސޭހަކޮށް އަވަސްކުރުމަށް ކުރަމުންގެންދާ މަސައްކަތުގައި އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދެއްވުމަށްވެސް އެދިވަޑައިގެންނެވި އެވެ.

ކަސްޓަމްސް އެކަޑަމީން މިހާތަނަށް ހަ ބެޗަކަށް ކޯސް ހިންގާފައިވާ އިރު، އެ ޕްރޮގްރާމުގައި 106 މީހުން ތަމްރީންކުރެވި އިމްޕޯޓް އެކްސްޕޯޓް މުދާ ކްލިއަރކުރުމުގެ ދާއިރާއިން ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދެވިފައިވާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.