އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲގެ މައްޗަށް އިއްވި 12 އަހަރުގެ ޖަލު ހުކުމަކީ އިންސާފުވެރި ހުކުމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެ މައްސަލަ އިސްތިއުނާފު ކުރައްވާނެ ކަމަށް އިމްރާންގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

އަލީ ޒާހިރު މިހެން ވިދާޅުވީ އިމްރާން 12 އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވުމާ އެކު ސަން އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

"މިއީ އިންސާފުވެރި ހުކުމެއް ކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރާނަން،" އަލީ ޒާހިރު ވިދާޅުވިއެވެ.

އިމްރާން 12 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އަނިޔާވެރި ކަމަށް ހިތްވަރު ލިބޭގޮތަށް އިމްރާން ވާހަކަދެއްކި ކަމާއި އަދި އެދުވަހު ހިނގި ހުރިހާ ހަމަނުޖެހުމެއް ހިނގީ އިމްރާން އެގޮތަށް ވާހަކަދެއްކެވި ކަމުން ކަމަށް ޝަރީއަތަށް ގަބޫލުކުރެވޭތީ ކަމަށް މިރޭ އިއްވި ހުކުމްގައި ވެއެވެ.

މިރޭ ހުކުމް އިއްވުމަށްފަހު ގާޒީ އަބްދުލް ބާރީ ޔޫސުފް ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތް ނިންމިގޮތުގެ ރިޕޯޓު މާދަމާ ދޫކުރާނެ ކަމަށެވެ.