ފުރާންސް (16 ފެބްރުއަރީ) -- ކޭމްޕް ޑޭވިޑް އެކޯޑް އެކުލަވާލި މޭސްތިރިއާ އަދި ޔުނައިޓެޑް ނޭޝަން (އދ)ގެ ހަ ވަނަ ސެކްރެޓަރީ ޖެނެރަލް ބުޓުރަސް ބުޓުރަސް ގާލީ މިއަދު އަވަހާރަ ވެއްޖެ އެވެ.

ބުޓުރަސް ގާލީ މިއަދު އަވަހާރަވިކަން އިއުލާން ކުރެއްވީ ވެނެޒުއެލާ އިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި ޔޫއެން ސިކިއުރިޓީ ކައުންސިލްގެ ރައީސް ރަފެއަލް ރަމެއިރެއިޒް އެވެ. އަދި އެ އާ އެކު 15 މެމްބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލްގެ މެމްބަރުން ކޮއްޅަށް ތެދުވެވަޑައިގެން ހިނދުކޮޅެއްގެ ސުކޫތެއް ގެނަ އެވެ.

މިސުރު ސަރުކާރުން ހިންގާ، އަހުރާމް އޮންލައިން ނޫހުން ބުނީ ބުޓުރަސް ގާލީ މިއަދު އަވަހާރިވީ މިސުރުގެ ގިޒާ ސިޓީގެ ހޮސްޕިޓަލެއްގައި ކަމަށެވެ.

ބުޓުރަސް ގާލީ އަވަހާރަވި އިރު އުމުރަކީ 93 އަހަރެވެ.

އެމަނިކުފާނުގެ ބައިގްރަފީ ބުނާ ގޮތުން އެމަނިކުފާނަކީ ކައިރޯ ޔުނިވަސިޓީ އާއި ޕެރިސް ޔުނިވަސިޓީ އާއި ނިއުޔޯކުގެ ކޮލަމްބިއާ ޔުނިވަސިޓީ އިން ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އެ މަނިކުފާނުގެ ހާއްސަ ރޮނގަކީ ބައިނަލްއަގުވާމީ ގާނޫނާއި ޕޮލިޓިކަލް ސައިންސާއި އިކޮނަމިކްސް އެވެ.

އެެ މަނިކުފާނު ވަނީ މިސުރުގެ ފޮރިން މިނިސްޓްރީގައި ވެސް މަތީ މަގާމުތަކެއް ފުރުއްވައިފަ އެވެ. އަދި 1978 ވަނަ އަހަރު ކޭމްޕް ޑޭވިޑް ސަމިޓްގައި ކޭމްޑޭވިޑް މުއާހަދާ އެކުލާވާލައި މިސުރާއި އިޒުރާއީލާ ދެމެދު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށް، މެދުއިރުމަތީގެ ޒަމާންވީ ދުސްމަނުކަމަށް ހައްލެއްގެނަ އެވެ. އަދި އޭގެ ދަށުން އިޒުރާއީލުން ފަލަސްތީނުގެ ގާޒާ އިންނާއި ވެސްޓް ބޭންކުން ފޭބި އެވެ. އެފްރިކާ ބައްރުން ފުރަތަމަ ފަހަރަށް އދ.ގެ އެންމެ މަތީ މަގާމަށް ވަޑައިގެން 1992 - 1996 އަށް އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވި ބުޓުރަސް ގާލީގެ ދައުރުގައި ވަނީ ސުލްހައިގެ ގިނަ ކާމިޔާބީތަކެއް ހޯއްދަވައިފަ އެވެ. އޭގެ ތެރޭގައި ރުވެންޑާގެ މައްސަލަ އާއި ޔޫގޯސްލޭވިއާގެ މައްސަލަ ފާހަގަ ކުރެވެ އެވެ.

މައުލޫމާތު: ސީއެންއެން