އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲގެ މައްޗަށް ދައުލަތުން އުފުއްލާފައިވާ ޓެރަރިޒަމްގެ ދައުވާ ސާބިތުވެ، އޭނާ 12 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި އޭނާ އަނިޔާވެރިކަމަށް ހިއްވަރުލިބޭ ގޮތަށް ވާހަކަ ދެއްކެވުމުން، އެ ވާހަކަތަކުން ހިތްވަރުލިބިގެން މުޒާހަރާގެ ބައިވެރިން ފުލުހުނަށް ހަމަލާދީ ރައްޔިތުންގެ މުދަލަށް ގެއްލުންދީފައިވާ ކަމަށް ބުނެ އެވެ.

އެމައްސަލައިގެ ހުކުމް އިއްވަވަމުން މިރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މައްސަލަބެއްލެވި ގާޒީ އަބްދުލް ބާރީ ޔޫސުފް ވިދާޅުވީ، އަދާލަތު ޕާޓީ އިސްވެ އޮވެ 2015 މޭ އެއްވަނަ ދުވަހު ބޭއްވި މުޒާހަރާގައި ފުލުހުންގެ ސަފު ފަޅާލައި ޕިކަޕު ދުއްވާލަައި ހިންގިި ހަމަ ނުޖެހުމާއި ޗާނދަނީ މަގުގައި ފުލުހަކަށް ހަމަލާ ދިނުމާއި އަދި އެދުވަހު އާންމުންގެ މުދަލަށް ގެއްލުންދީފައި ވަނީވެސް އިމްރާން މުޒާހަރާގައި ދެއްކި ވާހަކަތަކުގެ ސަބަބުން ކަން ޝަރީއަތަށް ގަބޫލުކުރެވޭ ކަމަށެވެ.

ފެބްރުއަރީ 16، 2016: އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲގެ މައްޗަށް ދައުލަތުން އުފުއްލާފައިވާ ޓެރަރިޒަމްގެ ދައުވާ ސާބިތުވެ، 12 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓެރަރިޒަމްގެ ކުށް އިމްރާންގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ 10/90 ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.

މައްސަލައިގައި ޝަރީއަތުން ފާހަގަކުރި ކަންކަން

  • އިމްރާން ރައީސްކަން ކުރައްވާ ޕާޓީ އިސްވެ އޮވެ ހިންގި މުޒާހަރާއެއްގައި ހަމަނުޖެހުން ހިންގުން.
  • ހިނގި ހަމަ ނުޖެހުން ހުއްޓުވުމަށް އަދާލަތު ޕާޓީން އަދި އިމްރާންވެސް އެއްވެސް ކަމެއް ކޮށްފައި ނުވުން.
  • އިމްރާން ދެއްކި ވާހަކަތަކުގެ ސަބަބުން މީހުންގެ މެދުގައި ބިރުވެރިކަން އުފެދުން.
  • އިމްރާންގެ ވާހަކަތަކާއި ގުޅިގެން މީހުންގެ މެދުގައި ހަމަނުޖެހުން އުފެދި ފުލުހުންގެ ސަފު ފަޅާލައި ޕިކަޕު ދުއްވުން.
  • އިމްރާންގެ ވާހަކަތަކުން ހިތްވަރު ލިބި ޗާނދަނީ މަގުގައި ފުލުހެއް ވައްޓާލައި ފުލުހަކަށް އަނިޔާކުރުން.
  • އިމްރާންގެ ވާހަކަތަކުން ހިތްވަރު ލިބިގެން އާންމުންގެ މުދަލަށް ގެއްލުންދިނުން.

މައްސަލާއާ ގުޅިގެން ދައުލަތުގެ ފަރާތުން ޖުމްލަ 16 ހެއްކެ ހުށަހަޅާފައިވެ އެވެ. އޭގެތެރެއިން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ބައެއް ވީޑިއޯތަށް ޝަރީއަތުގެ މަޖިލީސްތަކުގައި ދައްކާފައިވެ އެވެ. އަދި ޝަފަހީ ހެކެއްގެ ގޮތުގައި އެކެއްގެ ހެކިބަސް ވަނީ ނަގާފަ އެވެ. ނަމަވެސް އިމްރާން 12 އަހަރަށް ޖަލަށް ލުމަށް ހުކުމް އިއްވި އިރު އެއްވެސް ހެއްކަކާ ހަވާލާދީފައެއް ނުވެ އެވެ.

ހުކުމް އިއްވުމަށްފަހު ގާޒީ އަބްދުލް ބާރީ ޔޫސުފް ވިދާޅުވީ " ހުކުމާއި މެދު ހިތްޕުޅު ހަމަ ނުޖެހޭނަމަ" އިސްތުނާފު ކުރުމަށެވެ. 2015 މޭ އެއްވަނަ ދުވަހު މުޒާހަރާއާ ގުޅިގެން އިމްރާންގެ އިތުރުންވެސް ގިނަ ބައެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފަ އެވެ. ނަމަވެސް އަދި ނިމުނީ އިމްރާންގެ މައްސަލަ އެކަންޏެވެ.