ސިޔާސީ ޕާޓީތަކާއެކު ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްވަރާތަކުގައި، ބައިވެރިވެވޭނީ ސިޔާސީ ޕާޓީތަކާ އެކު އެކަނި ކަމަށާއި އެކަމުގައި އެއްވެސް ގައިދީއަކު ބައިވެރިއެއް ނުކުރެވޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ "ސަން" އަށް މިއަދު ވިދާޅުވީ މަޝްވަރާތަކުގައި ސިޔާސީ ޕާޓީތަކުން ޒިންމާދާރު ކަމާއި އެކީގައި މަސައްކަތް ކުރާނެ ކަމަށް ސަރުކާރުން ވަރަށް ބޮޑަށް އުއްމީދު ކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރާއި އެކު މަޝްވަރާއަކަށް އަންނަ ފަހަރުތަކުގައި ގައިދީން އެކަމުގައި ބައިވެރިކޮށްގެން މަޝްވަރާ ކުރުމަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި އެކަން އޮންނަ ގޮތެއް ނޫން ކަމަށެވެ.

ގައިދީން މަޝްވަރާގައި ބައިވެރިކުރުން އެއީ، ދުނިޔޭގެ އެއްވެސް ގައުމެއްގައި އަމަލުކުރަމުން އަންނަ އުސޫލެއް. މީގެކުރިންވެސް ސަރުކާރުން ބުނެފައި އޮންނާނީ މިހެން. އެއްވެސް ގައިދީއަކު މަޝްވަރާއެއްގައި ބައިވެރިއެއް ނުކުރެވޭނެ. ސަރުކާރުން މަޝްވަރާ ކުރަން މިއުޅެނީ ސިޔާސީ ޕާޓީތަކާއި އެކު." މުއާޒު ވިދާޅުވި އެވެ.

ހުރިހާ ސިޔާސީ ޕާޓީތަކާ އެކު އަލުން މަޝްވަރާތައް ކުރިއަށްގެންދެވުމަށް ރައީސް ޔާމީން ނިންމެވި ނިންމުމާ ގުޅިގެން ރާއްޖޭގެ ފަސް ސިޔާސީ ޕާޓީއަކަށް މަޝްވަރާތަކުގައި ބައިވެރިވުމަށް ސަރުކާރުން މިހާރު ދައުވަތު ދީފައިވާއިރު މީގެކުރިން ވެސް ބޭއްވި މަޝްވަރާގައި ވެސް ދިމާވެގެން ދިޔަ އެންމެ ބޮޑު މައްސަލައަކީ 13 އަހަރު ދުވަހުގެ ޖަލު ހުކުމެ ތަންފީޒު ކުރަމުން އަންނަ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މޭޑޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއާ ގުޅިގެން ހައްޔަރު ކޮށްފައިވާ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން މަޝްވަރާގައި ބައިވެރި ނުކުރުމެވެ.

ސަރުކާރުގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވާނީ ފިޝަރީޒް މިނިސްޓަރު ޑރ.މުހައްމަދު ޝައިނީ އާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު އަދި ޔޫތު މިނިސްޓަރ އަހްމަދު ޒުހޫރު އެވެ.

ސިޔާސީ ޕާޓީތަކާ އެކު އަލުން މަޝްވަރާ ކުރަން ސަރުކާރުން ނިންމާފައި ވާއިރު، އެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ރޯލު އަދާކުރުމަށް ކޮމަންވެލްތުގެ އިތުރުން އީޔޫ އަށްވެސް ސަރުކާރުން ވަނީ ދައުވަތު ދީފަ އެވެ.

އެ މަޝްވަރާތައް ކާމިޔާބުކަމާއެކު ކުރިޔަށްގެންގޮސް، ރައްޔިތުންނަށް ފައިދާކުރަނިވިފަދަ ނަތީޖާތަކެއް ހާސިލުކުރެއްވޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ އުންމީދުކުރައްވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.