16 Feb 2016, 18:51
ކޮނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ހަފްތާއެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު މާސެލޯ އެނބުރި ރެއާލް މެޑްރިޑްގެ ފަރިތަކުރުން ތަކުގައި ބައިވެރިވާން ފަށައިފިއެވެ.
މާސެލޯއަށް އަނިޔާވީ، ސްޕެނިޝް ލީގުގައި މިމަހުގެ އަށް ވަނަދުވަހު ގްރެނާޑާއާ ދެކޮޅަށް ކުޅެ 1-2ގެ ނަތީޖާއަކުން ރެއާލް މޮޅުވި މެޗުގައެވެ. މާސެލޯ އަނިޔާ އިން ސަލާމަތްވާން ދެ ހަފްތާވަރު ނަގާނެކަމަށް ކުރިން ބެލެވިފައި އޮތް ނަމަވެސް ރެއާލުން ބުނީ، އޭނާއަށް ލިބިފައިވާ އަނިޔާ އިން މުޅިން ރަނގަޅު ވެފައިވާ ކަމަށެވެ. އަދި މާދަމާރޭ ޗެމްޕިއަންސް ލީގްގައި ރޯމާއާ ދެކޮޅަށް ކުޅޭ މެޗަށް މާސެލޯ ފިޓްވާނެ ކަމަށްވެސް އެ ކްލަބުން ބުނެފައިވެއެވެ.
ރޯމާގެ ދަނޑުގައި އެޓީމާ ދެކޮޅަށް ރެއާލް ނިކުންނައިރު އެ ޓީމުގެ ޑިފެންޑަރު ޕެޕޭ އާއި ވިންގާ ގެރެތު ބޭލް އަދިވެސް ހުރީ އަނިޔާގައެވެ. އެހެން ކަމުން މާސެލޯ އަނިޔާ އިން ސަލާމަތްވެ ޓީމާއި ގުޅުމަކީ ކޯޗު ޒައިނުއްދީން ޒިދާނަށް ލިބިގެންދާނެ ބޮޑު ހިތް ހަމަޖެހުމަކަށް ވާނެއެވެ.