ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ކުޑަކުދިންނާއި އަންހެނުންގެ ޑޮކްޓަރުން ތިބޭނެ ކަމަށް ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.

ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ގައުމުތަކުގައި، ވިހެއުމުގެ ތެރޭގައި މަރުވާ މައިންނާއި ތުއްތު ކުދިންގެ މައުލޫމަތު އެއްކޮށް އެ ފަދަ ހާދިސާތައް މަދު ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޕެރެޑައިސް އައިލެންޑު ރިސޯޓުގައި ކުރިއަށްދާ ސަރަހައްދީ ބައްދަލުވުން އިފްތިތާހު ކޮށްދެއްވައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ، އަތޮޅުތަކުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ ހިދުމަތް ރަނގަޅު ކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"ސިއްހީ ހިދުމަތްރިން މި ވަނީ ހަމައެކަނީ މާލެ އަތޮޅަކަށް ނޫން. އައިޖީއެމްއެޗު އަކު ނޫން. އަތޮޅުތަކުގެ ރީޖަނަލް ހޮސްޕިޓަލްތަކަށް ޑައިރެކްޓު ކޮށްފަ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ވިހެއުމަށް ފަހު މަރުވާ އަންހެނުންނާއި ތުއްތު ކުދިން މަރުވާ އަދަދު މިހާރު ވަރަށް ބޮޑުތަން ދަށް ކުރެވިފައިވާ ކަމަށެވެ.

"ޅަފަތުގެ ތުއްތު ކުދިންގެ ސިއްހީ ހާލަތާ އަދި މައިންގެ ސިއްހީ ހާލަތަށް ބަލާ އިރު މިވަނީ 98 ޕަސެންޓް ރާއްޖޭގައި ހިދުމަތް ދެވިފައި މިވަނީ ހޮސްޕިޓަލެއްގައި ނޫނީ މަރުކަޒެއްގެ ދަށުން. އޭގެ ދެ ޕަސެންޓެއް ވަރު މި ވަނީ ސިއްހީ ހިދުމަތްދޭ މަރުކަޒެއް ނުވަތަ ހޮސްޕިޓަލަކުން ބޭރުގައި ވިހައިގެން ކުއްޖަކަށް ހާލަތެއް ދިމާވުން." މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަތޮޅު ތަކާއި ރަށްރަށުގައި ސިއްހީ ހިދުމަތްދޭ އިރު މައިންނަށް ހާލަތެއް ދިމާވެ އިވަކުއޭޓުކުރަން ޖެހިއްޖެ ނަމަ އެކަން ކުރުމުގެ އިންތިޒާމު ވެސް މިހާރު ހަމަޖެހިފައިވާނެ ކަމަށެވެ.

އެގޮތުން އެމްބިއުލާންސް ތަކުންނާއި އެއާ އެމްބިއުލާންސުން ވެސް އާސަންދައިގެ ދަށުން އިވަކުއޭޓު ކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.